މިދިޔަ އަހަރަށް ވުރެ މި އަހަރު ރާއްޖެއަށް ހޫނު ކަން އިހްސާސް ކުރަން ޖެހޭ މިންވަރު ވަނީ މިދިޔަ އަހަރަށްވުރެ އިތުރު ވެފައިކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެ އަށް އެންމެ ހޫނު ގަދަ މަސްކަން ފާހަގަކޮށްފައިވެއެވެ. މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނު މިނަށް ވުރެ އިހްސާސް ކުރެވޭ ހޫނު މިން އެތައް ގުނައެއް މަތިވެއެވެ.
މިދިޔަ އަހަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހްސާސް ކުރެވުނު ހޫނުމިން ހުރީ 43 ޑިގްރީ ސެލްސިއަސްގައެވެ. މި އަހަރު އެ އަދަދު 45 އަށް ވަަނީ އަރައިފައެވެ. އެހެންކަމުން މިދިޔަ އަހަރަށް ވުރެ މި އަހަރު ހޫނު ކަން އިހްސާސް ކުރަން ޖެހޭ މިންވަރު ވަނީ މިދިޔަ އަހަރަށްވުރެ އިތުރު ވެފައެވެ.
މެޓް އޮފީހުން މިއަދު ވަނީ، އޭޕްރިލް މަހު އެންމެ ބޮަޑަށް އިހްސާސް ކުރެވުނު ފިނިހޫނު މިނުގެ ތަފްސީލުތައް ހާމަކޮށްފައެވެ.
އެގޮތުން އިހްސާސް ކުރެވޭ ފިނި ހޫނުމިން އެންމެ މައްްޗަށް ގޮސްފައި ވަނީ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު މާލެ ސިޓީއަށެވެ. އެއީ 45.5 ޑިގްރީ ސެލްސިއަސްއެވެ. ދެވަނައަށް އެންމެ މައްޗަށް ގޮސްފައި ވަނީ ހދ. ހަނިމާދޫ އާއި ލ. ކައްދޫއަށެވެ. އެއީ 45.0 ޑިގްރީ ސެލްސިއަސްއަށެވެ. ތިން ވަނަ އަށް އެންމެ މައްޗަށް ގޮސްފައި ވަނީ އައްޑޫ ސިޓީ ގަމަށެވެ. އެއީ 43.4 ޑިގްރީ ސެލްސިއަސްއަށެވެ. އަދި ގދ. ކާޑެއްދޫއަށް 43.1 ޑިގްރީ ސެލްސިއަސްއަށް އިހުސާސް ކުރެވުނު ފިނި ހޫނުމިން މައްޗަށް ގޮސްފައި ވެއެވެ.