ރައީސްގެ ސިޓީގެ ސަބަބުން އެއްވެސް މިންވަރެއް ގެއްލުނުކަމަށް ނުދެކެން: މުއިއްޒު

ރައީސްގެ ސިޓީގެ ސަބަބުން އެއްވެސް މިންވަރެއް ގެއްލުނުކަމަށް ނުދެކެން: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
02 މެއި 2023 01:19
0

ރާއްޖޭގެ ދެކުނުން އިން ކަނޑައެޅުމުގައި މޮރިޝަސްއާ ފުށުއަރާ ސަރަޙައްދުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ އީއީޒެޑުން ބޮޑުބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ކަނޑުގެ ސަރަހައްދުން ބައެއް "ގެއްލިގެން ދިޔައީ" ދިވެހިން ޒަމާނުއްސުރެ ގެންގުޅެމުން ދިޔަ ސްޓޭންޑް ރައީސް ސޯލިހުގެ ސިޓީއަކުން ބަދަލުކުރުމުން ކަން އެނގޭ ކަމަށް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައެވެ.

އެ ޓްވީޓުގައި ގާސިމް ވަނީ އިޓްލޮސްގެ ނިންމުމުގެ 51 ވަނަ ނުކުތާގައި ރައީސްގެ ސިޓީއަށް ރިއާޔަތްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވައި މުއިއްޒު ވަނީ އެހެން އެކަން އޮތް ނަމަވެސް ރާއްޖޭން ބައެއް ގެއްލެން މެދުވެރިވެފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

51 ވަނަ ޕެރެގްރާފުގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް ހަވާލާދެނީ ޗާގޯސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ އޮތް ސުވާލަށް. ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ނުދެކެން.

– މުއިއްޒު ވިދާޅުވިއެވެ.

އިޓްލޮސްގެ ނިންމުމުގައި ރައީސްގެ ސިޓީއާ ހަވާލާދީ ބުނެފައި އޮތީ މައްސަލައިގެ ބޭނުމަށް ބްލެނެހެއިމް ރީފްގެ ދިރާސާތައް ކުރަން ހިނގި ހަރަދުގެ ގޮތުގައި މަދުވެގެން 460،000 ޔޫރޯ ރާއްޖޭން ދައްކަން އަމުރު ކޮށްދިނުމަށް އެދި މޮރިޝަސް އިން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔަ ވާހަކައެވެ.

ސިޓީއާ ގުޅޭ ތުހުމަތުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި އޮތީ ގައުމުތަކުގެ ވެރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފޮނުވާ ސިޓީ ސަރުކާރުން އާއްމުނުކުރިޔަސް އޭގައި ދިވެހިންނަށް ގެއްލުންވާނެ ވާހަކައެއް ނޯންނާނެ ކަަމަށެވެ.

އޭގައި ލިޔެފައެއް ނޯންނާނެ ތި ވިދާޅުވާ ހަނގުރާމަމަތީ ބޯޓުތައް ވަދެ، އަޅުގަނޑުމެންގެ ސަރަހައްދު ތެރެއަށް ވަންނާނެ ވާހަކައެއް. އެއީ ދޮގު. އަނެއްކާ އާންމުވެގެން ތި އުޅޭ ސިޓީއަކީ ވެސް އެ ސިޓީއެއް ނޫން. މިއަދުގެ ހުކުމްގައި އޮތީ އޭގައި (ސިޓީ) ލިޔެފައި އޮތް ދެ ވާހަކަ ބަރާބަރަށް.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އިން ނިންމި މިންމުމުގައި ކޮންމެވެސް ވަރަކަށް އޭގައި ސިޓީގައި ހުރި ވާހަކަތައް އެބަހުރިއެވެ. ޗާގޯސްގެ މައްސަލާގައި އދ. ގައި 2019 ވަނަ އަހަރު ރާއްޖެ އިން ވޯޓު ދިނީ މޮރިޝަސް އާ ދެކޮޅަށް ކަމަށްވާތީ އެއީ ގައުމުތަކުގެ އިސްތިއުމާރީ ކުރުމަށް ހިތްވަރު ލިބޭ ނިންމުމެއް ކަމަށް އޭރު ފާޑު ކިޔުންތައް އަމާޒުވިއެވެ. ރައީސް ވިދާޅުވީ ރާއްޖެ އަކީ އިސްތިއުމާރު ކުރުމަށް ތާއީދު ކުރާ ގައުމެއް ނޫން ކަމަށާއި އޭރު ވޯޓު ދިން މައިގަނޑު ސަބަބަކީ، ރާއްޖޭގެ މަސްލަހަތު އޮތް މައްސަލައެއް މޮރިޝަސް އިން ހުށަހަޅާފައިވާތީ އެކަމަށް އިހްތިޖާޖް ކުރުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އިޓްލޮސް އިން ނިންމާފައި އޮތީ މޮރިޝަސް އިން ހުށަހަޅާފައި އޮތް ކްލެއިމް ކުރެވޭނެއޭ. އޭގެ މާނައަކީ ޗާގޯސް އަކީ މޮރިޝަސްގެ ތަނެކޭ. އެ ވާހަކަ އަޅުގަނޑު ބުނެފައި އިންނާނީ. ދެން އެ މައްސަލަ އަތުވެއްޖިއްޔާ އަޅުގަނޑުމެން އަމަލު ކުރާނީ އެގޮތަށޭ. އެއީ އިނގިރޭސިންގެ ތަނެކޭ އަޅުގަނޑުމެން ނުބުނާނަމޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރައީސަކު އަނެއް ރައީސަކަށް ފޮނުވާ ސިޓީއެއް މީގެ ކުރިން ވެސް އާންމުކޮށްފައި ނުވާ ކަމަށާއި އެގޮތަށް އާންމު ކުރަން ވެއްޖެ ނަމަ ހުރިހާ ސިޓީއެއް ހުންނާނީ "ޕަބްލިކް ޑޮމެއިންގައި" ކަމަށެވެ. އެކަމަކު، އެކަހަލަ ސިޓީތަކުގެ މައުލޫމާތު ދީފައި އެބަހުރި ކަމަށާއި އެ ސިޓީގެ މައުލޫމާތުތައް ވެސް ދެއްވަން ޖެހިއްޖެ ނަމަ ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.