ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރައްވާފައެވެ.
މަޖިލީހުން ފާސްކުރެއްވީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވި 34.7 ބިލިއަން ރުފިޔާއަށް 200 މިލިއަން އިތިރުކޮށްގެންނެވެ. އަދި ހުށަހެޅެއްވި ބަޖެޓްގެ ޑެފިސިޓް 15.5 ބިލިއަނުން 12.3 ބިލިއަނަށް ކުޑަކޮށްގެންވެސްމެއެވެ.
މަޖިލިހަށް ބަޖެޓް ހުށަހެޅުމާއެކު، ކަންވީ ކިހިނެއް؟
މަޖިލީހަށް ބަޖެޓް ހުށަހެޅިގެން ދިއުމާއެކު، މަޖިލީހުގެ ތެރެއިންފެނިގެން ދިޔައީ ވަރަށް އާދަޔާ ޚިލާފު މަންޒަރެކެވެ. އެމްޑީޕީގެ ބައެއް މެމްބަރުންނަ ހީވީ އީދެއް އައިހެންނެވެ. އެކި މޭރުމުން، އެކި ވައްޓަފާޅިއަށް ބަޖެޓާއި ގުޅޭގޮތުން އެކި މެމްބަރުން ވާހަކަ ދެއްކެވިއެވެ. ފިނޭންސް މިނިސްޓަރަށް ބައެއް މެމްބަރުން ވަގަށް ގޮވަން ފެށިއެވެ. ބަޖެޓަކީ ދަރަނި ބަޖެޓެއްގެ ގޮތުގައި ބައެއް މެމްބަރުން ސިފަކުރެއްވިއެވެ. މިބަޖެޓަކީ ޗައިނާއަށް ސަރުކާރުން ދަރާފައި އޮތް ދަރަނި ދެއްކުމަށް ހުށަހެޅި ބަޖެޓެއްގެ ގޮތުގައި ވިދާޅުވާން ފެއްޓެވިއެވެ.
އަދި މަޖިލީހަށް އެކަށީގެންވާ ތަފްސީލު ލިބެން ނެތްކަމަށާއި، ބަޖެޓުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމުގެ ތުހުމަތައްވެސް ކުރެއްވިއެވެ. އެތަކެއް ކަރުދާސް ކުންފުނިތައް ހަދާ، އެކުންފުނިތަކުން އެމްޑީީޕީގެ ބައެއް ވަޒީރުން މުތުލަގަށް ވައްކަން ކުރަމުންދާ ކަމުގެ ތުހުމަތުތައްވެސް ކުރެވިގެ ދިޔައެވެ. އެންމެ ފަހުން، މަޖިލިސް ރައީސް ވިދާޅުވީ، ވޯޓު ދެއްވޭ ހާލަތުގައި އިންނެވިނަމަ، އެމަނިކްފާނު މި ބަޖެޓަށް ވޯޓުވެސް ނުދެއްވާނެ ކަމަށެވެ. އަދި މި ބަޖެޓް ހުއްޖަތަކަށް ހައްދަވާ، މަޖިލިސް ރައީސް، ޗައިނާއަށް އިންތިހާއަށް ފާޑު ވިދާޅުވަމުންގެންދަވާ ގެންދެވުން އެއްގިޔަރު މައްޗަށް ޖެއްސެވި މަންޒަރުވެސް ފެނިގެން ދިޔައެވެ.
އެންމެ ފަހުން މަޖިލިސް ރައީސް ވިދާޅުވެފައިވަނީ، މިއީ %50 ދަރަނި ބަޖެޓެއް ކަމަށާއި، މާމަގެ ފައްޓަރުބައި ވިއްކާލައިގެންވެސް، ޗައިނާއަށް ދަރާފައިވާ ދަރަނި ދައްކާ ޚަލާސް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވަމުން ގެންދެވީ ޗައިނާއަށް ދަރާފައިވާ ދަރަނި ދެއްކުން އަލުން މުރާޖައާ ކުރުމަށެވެ. މުރާޖައާކޮށް ޗައިނާގެ ދަރަނި ދެއްކުން ލަސްކުރުމަށެވެ. ހުރިހާވެސް ހުއްޖަތަކަށް ވެގެން ދިޔައީ ބަޖެޓް ދަރަނި ބަޖެޓަކަށް ވެގެން ދިއުމެވެ.
ޖުމްލަކޮށް ދަންނަވާ ނަމަ، މަޖިލީހުގައި ތިއްބެވި އިދިކޮޅު މެމްބަރުންނަށްވުރެ ބޮޑަށް ބަޖެޓަށް ފާޑު ވިދާޅުވަމުން ގެންދެވި މަންޒަރު ފެނިގެންދިޔައީ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންނެވެ.
ބަޖެޓަށް އެންމެ ބޮޑަށް ފާޑު ވިދާޅުވީ ކޮން މެމްބަރުންނެއް؟
ކޮންމެ އަހަރެއްގެ ވެސް ބަޖެޓް މަޖިލީހަށް ހުށަހެޅުމާއެކު، ބަޖެޓްގެ ބަހުސް މަރުލާގައި ކުރެވޭ ބަހުސްތައް ދެގޮތަކަށް ސިފަކުރެވިގެން ދެއެވެ. އެއްބަޔަކީ ބަޖެޓް ދިފާއު ކުރުމަށް ވާހަކަ ދައްކަވާ މެމްބަރުންނެވެ. އަނެއްބައި މެމްބަރުންނަކީ، ބަޖެޓަށް ފާޑު ވިދާޅުވުމުގެ ބޭނުމުގައި ވާހަކަ ދައްކަވާ މެމްބަރުންނެވެ.
އެހެންނަމަވެސް، މިއަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމާއެކު، ފެނިގެން ދިޔައީ، އިދިކޮޅު މެމްބަރުން ބަޖެޓަށް ފާޑުވިދާޅުވަމުން ގެންދެވިއިރު، އެއަށްވުރެ އަޑުހަރުކޮށް އެމްޑީގެ ބައެއް މެމްބަރުން ބަޖެޓަށް ފާޑުވިދާޅުވުމުން ގެންދެވި މަންޒަރެވެ.
މިގޮތުން އެމްޑީޕީގެ ތެރެއިން އެންމެ އަޑުހަރުކޮށް ބަޖެޓަށް ފާޑުވިދާލުވަމުން ގެންދެވި މެމްބަރުންނަކީ، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބުދުﷲއާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމާއި، ވިލިފުށީ ދާއުރާގެ މެމްބަރު ހަސަން އަފީފާއި، މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑޭ)އެވެ. އަދި މީގެ އިތުރުން، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ، މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ހިމެނިވަޑައިގެންނެވީ، ރިޔާސަތުގައި އިންނަވައިގެން ނަމަވެސް، ފިނޭންސް މިނިސްޓަރު މިއަހަރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް މެމްބަރު ކަމުގައެވެ.
ނޮވްމެބަރު މަހު 18 ވަނަ ދުވަހު ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިން ނަސީމު ވިދާޅުވެފައި ވަނީ، "ކޮންޖެޝަން ޗާޖް"ގެ ނަމުގައި އާ ފީއެއް ނަގަން ސަރުކާރުން ބަޖެޓްގައި ހިމަނާފައިވާ ގޮތަށް އެ ފީ މިހާރު ތައާރަފްކުރުމަކީ ޒިންމާދާރު ގޮތެއް ނޫންކަމުގައެވެ.
"މިކަންކަން ތައާރަފްކުރުމުގެ ތަރުތީބެއް ކޮންމެ ދައުލަތަކުން ވެސް ގެންގުޅޭ އެހެން ނަމަވެސް (ރާއްޖޭގައި) މިކަންކަން މި އަންނަނީ، ފަހަށް އޮންނަންވާ ކަން ކުރިއަށް، ކުރިއަށް އޮންނަންވާ ކަން ފަހަށް،" މީކާއީލް ވިދާޅުވި އެވެ.
ނޮވެމްބަރު 18 ވަނަ ދުވަހު ބަޖެޓާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މެމްބަރު އަލީ އާޒިމް ވިދާލު ވެފައިވަނީ، ބަޖެޓުގައި މަޝްރޫޢުތައް ހިމަނުއްވާފައިވަނީ ފިނޭންސް މިނިސްޓަރުގެ ގާތް މެމްބަރުނަށް އިސްކަން ދެއްވައިގެން ކަމަށެވެ. އަދި ފަހުން ތުހުމަތު ކުރައްވާފައިވަނީ، ސަރުކާރުން ނާޖާއިޒް ފައިދާ ނެންގެވުމުގެ މަގުސަދުގައި 10 ކުންފުނި ހަދާފައިވާ ކަމަށާއި އަދި ވައްކަންތަކުގެ ފަހަތުގައި އިކޮނިމިކް މިނިސްޓަރު ހުންނެވިކަމުގެ ތުހުމަތުވެސް ކުރައްވާފައި ވެއެވެ.
ނޮވެމްބަރު މަހު 30 ވަނަ ދުވަހު ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވަނީ، ބަޖެޓުން ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމުގައިވެސް ވިދާޅުވެފައެވެ. އަދި ވިދާޅުވެފައި ވަނީ، ފިނޭންސް މިނިސްޓަރު ކުރައްވާހާވެސް އުއްމީދަނީ ބޮންޑާއި ސުކޫކް އިޝޫ ކޮށްގެން ފައިސާ ލިބޭނެ ކަމުގެ އުއްމީދު ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިއަހަރު ފެށުނީއްސުރެވެސް މިއުއްމީދު ކުރައްވަމުން ގެންދެވި ކަމަށާއި، އަދި މިހާތަނަށް މިއިން އެއްވެސް ސުކޫކެއްވެސް އަދި ބޮންޑެއްވެސް ލިބިގެން ގޮސްފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނޮވެމްބަރު 17 ވަނަ ދުވަހު، ބަޖެޓަށް ބަހުސް ކުރައްވަމުން، އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެފައި ވަނީ، ފިނޭންސް މަނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަށް ނުފެތޭ ޚިޔާލީ ބަޖެޓެއް ކަމުގައެވެ.
ނޮވެމްބަރު 16 ވަނަ ދުވަހު، މަޖިލިހަށް ހުށަހެޅިފައިވާ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، ބަޖެޓް ހަދާފައިވަނީ ކޯލިޝަނަށް ބުރަވާ ގޮތަށްކަމަށް ވިދާޅުވެ ވަރަށްބޮޑަށް ފިނޭންސް މިނިސްޓަރަށް ފާޑުވިދާޅުވެފައި ވެއެވެ. އަދި މިޖަލްސާގައި އޭނާ ވަނީ ޑޮލަރު ލިބުން ދަތިވެފައިވަނީ ދައުލަތުގެ ވަޒީރުން ކަޅުބާޒާރުގައި ޑޮލަރު ވިއްކައި، ޑޮލަރުގެ މުޢާމަލާތް ކުރާތީކަމަށް ތުހުމަތުވެސް ކުރައްވާފައެވެ.
ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ ވިދާޅުވެފައިވަނީ ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއަށް ވުރެ މާބޮޑު އަދަދެއް ހަރަދުކުރަން ބަޖެޓުގައި ޖަހާފައި ވާކަމަށެވެ. އަދި ވަނީ، ބަޖެޓްގައި ޖަހާފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަރަދުކުރާ ފައިސާ ދައުރުވެ، އިގުތިސާދީ އިތުރު ހަރަކާތްތައް ހިނގައި، ރައްޔިތުންގެ އާމްދަނީ އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ ގޮތަށް އެކަން ވާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވެފައެވެ.
ނޮވެމްބަރު 18 ވަނަ ދުވަހު، ބަޖެޓާއި ގުޅޭގޮތުން މެމްބަރަކު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުން ނަޝީދު ވަނީ، މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވޯޓު ދެއްވޭ ނަމަ، އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް އެމަނިކުފާނު ވޯޓު ނުދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ބަޖެޓް ތަޅުމަށް އައިއިރު، އައީ ކޮން ބަދަލުތަކެއް؟
މާލިއްޔަތު ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލިއިރު، ބަޖެޓަށް މާބޮޑު ބަދަލެއް ގެނެވިގެން ދިޔަ މަންޒަރު ފެނިގެނެއް ނުދިޔައެވެ. އަދި ކިއެއްތަ! ބަޖެޓްގައި އިތުރަށް ފައިސާ ހިމެނުއްވީއެވެ. 134.9 މިލިއަން ރުފިޔާ އިތުރުކޮށް 34.9 ބިލިއަން ރުފިޔާއަށް ބަޖެޓް ބޮޑު ކުރެއްވީއެވެ.
މިގޮތުން، ފިނޭންސުން ހުށަހެޅި ބަޖެޓުގައި އަންނަ އަހަރު ދައުލަތުގެ ހަރަދު 33.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރި ނަމަވެސް ކޮމިޓީން ފާސްކުރި ބަޖެޓުގައި ވަނީ ހަރަދު 33.4 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކޮށްފަ އެވެ. އެންމެ ފުރަތަމަ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށެހެޅުއްވި ބަޖެޓް 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް ލަފާކުރެއްވި ނަމަވެސް، ކޮމިޓީން ބަޖެޓް ފާސްކޮށް ނިންމެވިއިރު، ޑެފިސިޓް ވާނެކަމަށް ލަފާކުރާ އަދަށް އައިސްފައިވަނީ ނިސްބަތުން ދާދި ކުޑަ މިންވަރެކެވެ. ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ބަޖެޓުގައި ޑެފިސިޓް ވެގެންދާނެ ކަމަށް ލަފާ ކޮށްފައި ވަނީ 12.3 ބިލިއަން ރުފިޔާއިންނެވެ.
ތަޅުމަށް ކޮމިޓީން ފޮނުވި ބަޖެޓަށް ބަލާއިރު، މެމްބަރުން ޖަޒްބާތުގައި ވަކާލާތު ކުރެއްވި މަގުން ބަދަލުތަކެއް ބަޖެޓަށް އައި މަންޒަރު ފެނިގެން ގޮސްފައެއް ނުވެއެވެ. ބަޖެޓަށް ވޯޓު ނުދޭނެކަމުގެ އިންޒާރުދީ، ބަޖެޓުގައި ހިމަނާފައި ހުރި އާމްދަނީ ނުލިބޭނެ ކަމަށް ވިދާޅުވެ، ފާޑު ވިދާޅުވި މެމްބަރުން ފާޅު ކުރެއްވި ޚިޔާލުތަކެއްވެސް ބަޖެޓުން ފެނިގެނެއް ނުދިޔައެވެ. ބަޖެޓަކީ، މުޅި ބަޖެޓްގެ %50 ދަރަނި ބަޖެޓެއް ކަމަށާއި، ބަޖެޓަކީ ވައްކަން ކުރަން ތައްޔާރު ކޮށްފައި އޮތް ބަޖެޓެއްކަމުގައި، މަޖިލިސް ފްލޯގައި ވިދާޅުވި އެމްޑީޕީގެ މެމްބަރުން ދެއްކެވި ވާހަކަތަކަށް ރިއާޔަތްކޮށްގެން ބަޖެޓް މުރާޖައާ ކުރެވިފަ އޮތް މަންޒަރެއްވެސް ފެނިގެން ގޮސްފައެއް ނުވެއެވެ.
މެމްބަރުންނަށް މިވީ ކިހިނެއް؟
އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ބަޖެޓް ބަހުސުން ފެނިގެން މިދިޔައީ އާދަޔާ ޚިލާފު މަންޒަރުތަކެވެ.
މަޖިލީހަށް 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅިގެން ދިއުމާއެކު، އެތައްގޮތަކަށް ބައެއް މެމްބަރުން ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ. އެތައް ގޮތަކަށް ބަޖެޓް ސިފަ ކުރެއްވިއެވެ. އަދި ޚުދު އެމްޑީޕީގެ ބައެއް މެމްބަރުން އެޕާޓީގެ ބައެއް ވަޒީރުންނަށް ބަޖެޓާއި ގުޅުވައިގެން ވަގަށް ގޮވާފައިވެސް ވެއެވެ. ބަޖެޓަކީ، ބައެއް މެމްބަރުންގެ ހިތްފުޅުގައި ނަފްރަތާއި ދެކޮޅުވެރިކަން އުފެދިފައިވީ ފަރާތްތަކަށް އަމާޒުކޮށް، ޖަމާވެފައި ހުރި ޖަޒްބާތުތައް އޮއްސާލުމުގެ ވަސީލަތަކަށްވެސް ހެއްދެވިއެވެ.
އަދި މިބަޖެޓް ފާސްކޮށްގެން ދައުލަތް ވާނީ ދަރަނިވެރި ކަމުގައި ވިދާޅުވެ، މިއީ ފާސްކުރަން ހެޔޮ ނުވާވަރުގެ ބަޖެޓެއްގެ ގޮތުގައިމެ ސިފަކުރެއްވިއެވެ.
ތެދެކެވެ. މަޖިލީހުގައި ޑްރާމާ ކުޅުއްވާ ހިތްވާ މެމްބަރުން އަބަދުވެސް ތިއްބަވައެވެ. މިގޮތުން ރައްޔިތުންގެ ސަމާލުކަން ހޯދޭތޯ ވާހަކަ ދައްކަވާ މެމްބަރުން މަޖިލީހުގައި ތިބޭކަން މިއީ އިތުރަށް ފާޙަގަ ކުރަންޖެހޭ ނުކުތާއެއް ނޫނެވެ. ތަފާތު ގިންތި ތަކުގެ، ތަފާތު ޖަޒުބާތުތަކުގެ މީހުންނަށް މަޖިލީހަށް ވަދެވުމުގެ ފުރުސަތު ތަނަވަސް ވެފައި އޮންނަ ނަމަ، ކަން އޮންނާނީ މިހެންކަމާ، އަދި މިއީ ބަދަލުވުމެއް ނެތް ހަގީގަތެއްކަންވެސް ގަބޫލު ކުރަން ޖެހެއެވެ.
އެހެންނަމަވެސް، ވަރަށް ގިނަފަހަރަށް މަޖިލީހުގައި އެއް ގޮތަކަށް ވަކާލާތު ކުރެއްވުމަށްފަހު ހަމަ އެހަގީގަތުގެ މަތީގައި ހުންނަވައިގެން މަޖިލީހުގައި ދެއްކެވި ވާހަކައާއި ދިމާ އިދިކޮޅަށް ވޯޓުދެއްވާ މެމްބަރުންވެސް، ކޮންމެ ދައުރެއްގައި ވެސް މަޖިލީހުގެ ތެރެއިން ފެންނަމުންދާކަންވެސް، މިއީވެސް އަބަދުވެސް ފެންނަމުންދާ ހަގީގަތެކެވެ. އެމަންޒަރު އާދަޔާއި ޚިލާފަށް ބޮޑަށް މިފަހަރުގެ ބަޖެޓުން މިދިޔައީ އިތުރަށް ފާޅުވެ، ސާފުވެގެންނެވެ.
މެމްބަރުން ވޯޓު ދެއްވީ ކިހިނެއް؟
މަޖިލީހުގެ ތަޅުމުގައި، ބަޖެޓަށް ގެންނަން ފެންނަ 2 ރެކަމަންޑޭޝަންނަކަށް ވޯޓަށް އެހުނެވެ. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ ހުށަހެޅުއްވި މި ދެ ރެކަމްނަޑޭޝަކީ، ދައުލަތުން ނަގާ ލޯނާއި، ސޮވެރިންގ ގެރެންޓީއާއި، ބޮންޑު ތަކާއި، އަދި ސުކޫކުގެ ތަފްސީލީ ރިޕޯޓުތައް ކޮންމެ ކުއާޓަރެއްނިމި 30 ދުވަހުގެ ތެރޭގައި މަޖީލީހަށް ފޮނުވުމަށާއި އަދި ދައުލަތުން ސޮވެރިންގ ގެރެންޓީ ދީގެން ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ ރިޕޯޓު ކޮންމެ ކުއާޓަރއެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ފޮނުވުން ލާޒިމްކުރަން ހުށަހެޅުނު ރެކަމަންޑޭޝަންތަކެވެ.
މި ދެރެކަމަންޑޭޝަނަށްވެސް، ހާޒިރުވެ ތިއްބެވި 71 މެމްބަރުންގެ ތެރެއިން، 70 މެމްބަރުން ވޯޓު ދެއްވިއެވެ. ވޯޓު ނުދެއްވަނީ، ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު އެކަންޏެވެ.
ދެން އައީ ބަޖެޓަށް ވޯޓަށް އެހުމުގެ ވަގުތުކޮޅެވެ. ބަޖެޓަށް ވޯޓަށް އަހުމުގެ ވަގުތުކޮޅާއި ޖެހުމުން މަޖިލިސް ރައީސް ރިޔާސަތު ދޫކުރައްވާ ނާއިބު ރައީސް އީވާ އަބުދުﷲއާއި މަޖިލީހުގެ ރިޔާސަތު ހަވާލުކުރެއްވި މަންޒަރު ފެނިގެން ދިޔައެވެ.
ތެދު ފުޅުކެވެ. ކުރިންވެސް މަޖިލިސް ރައީސް ވިދާޅުވީ ވޯޓު ދެއްވަން ފުރުސަތެއް ލިބިވަޑައިގެންނެވިނަމަ، މި ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމުގައެވެ. ރިޔާސަތުގައި އިންނަވައިގެންވެސް، ބަޖެޓަށް ވޯޓުދެއްވަ ޖެހިވަޑައިގެންފާނެ ހާލަތެއް އައުމަކީ ނާދިރު ކަމަކަށް ވިޔަސްވެސް، މަޖިލިސް ރައީސް އެފުސަތުވެސް ދެއްވާކަށް ބޭނުންފުޅެއް ނުވިއެވެ. ވޯޓަށް އަހަންޖެހުނު ވަގުތު ރިޔާސަތު ދޫކުރައްވާ ބޭރަށް ވަޑައިގެންނެވީއެވެ. އެމަނިކްފާނުގެ ބަސްފުޅު ފުރިހަމައަށް ސީދާ ކުރެއްވިއެވެ.
އެހެންނަމަވެސް، ބަޖެޓް ބަހުސްގެ މުޅި މަރުހަލާގައިވެސް، ބަޖެޓާއި ދެކޮޅަށް ވާހަކަ ދައްކަވާ، ބަޖެޓް ގޯސްކުރައްވާ، ވަޒީރުންގެ ބޮލުގައި ވައްކަމުގެ އެތަކެއް ތުހުމަތުތަކެއް އެޅުވި މެމްބަރުން ބަޓަނަށް ފިއްތާލަން ޖެހުމުން ފިއްތަވާލެއްވީ ހަމަ ފެހި ބަޓަނަށެވެ. ދެއްކިހާ ވާހަކައެއް ޖައްވަށް، ފަޒާއަށް ދޫކޮށްލެއްވީއެވެ. ރައްޔިތުންނަށް ދެއްވި މެސެޖަކީ، ތިމާމެންގެ އަމަލާއި ބަހާ ދުވަހަކުވެސް ދިމާ ނުވާނެ ކަމުގެ މެސެޖެވެ.
ބަޖެޓް ފާސްވެގެން ދިޔައީ އެވަގުތު ތަޅުމުގައި ތިއްބެވި މެބަރުންގެ ތެރެއިން 68 މެމްބަރުންގެ ބޮޑު އަޢުލަބިއްޔަތަކުންނެވެ. އެމްޑިޕީގެ ހުރިހާ މެމްބަރުންވެސް ބަޖެޓަށް ވޯޓު ދެއްވައިގެންނެވެ.
އާދޭހެވެ. ބަހާއި އަމަލާ ދިމާކުރެއްވީ ހަމައެކަނި މަޖިލިސް ރައީސްއެވެ.