މަސައްކަތްތެރިންގެ އެންމެ އަސާސީ ހައްޤަކީ ވަޒީފާގެ ރައްކާތެރިކަން: ނާޒިމް

މަސައްކަތްތެރިންގެ އެންމެ އަސާސީ ހައްޤަކީ ވަޒީފާގެ ރައްކާތެރިކަން: ނާޒިމް

Author
އަޒްފާ ރަޝީދު
01 މެއި 2023 05:16
0

މަސައްކަތްތެރިންގެ އެންމެ އަސާސީ ހައްޤަކީ ވަޒީފާގެ ރައްކާތެރިކަންކަމަށާއި މިހާރު އެހައްޤުވެސް ނެތްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މަސަކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ނާޒިމް ވިދާޅުވީ، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް މިއަދު ރާއްޖޭގައި ފާހަގަކުރާއިރު، މިހާރު ރާއްޖޭގައި މަސައްކަތްތެރިންގެ ހައްޤުތައް ހޯދުމުގެ ވާހަކައަލުން ދައްކަން ޖެހިފައިވާ ކަމަށެވެ. މަސައްކަތްތެރިންގެ އެންމެ އަސާސީ ހައްޤަކީ ވަޒީފާގެ ރައްކާތެރިކަންކަމަށް ވިދާޅުވެ ނާޒިމް ވަނީ މިހާރު އެހައްޤުވެސް ނެތްކަމަށް ވިދާޅުވެފައެވެ.

މަސައްކަތްތެރިންގެ އެންމެ އަސާސީ ހައްޤަކީ، ވަޒީފާގެ ކަށަވަރުކަން ނަމަވެސް މިއަދު އޮތީ މީގެ 30 ހަކަށް އަހަރު ކުރިން، އުޅުނުހެން ސަރުކާރާއި ދެކޮޅަށް ޚިޔާލެއް ފާޅުކޮށްފިނަމަ، ވަޒީފާއިން ވަކިކުރާ ހިސާބަށް ކަންގޮސްފައިކަމަށާއި، ޕާޓީއަށް ސޮއި ނުކޮށް ވަޒީފާގައި ހުރުމަކީ މިއަދު މުސްތަހިއްލު ކަމަކަށްވެފައި، ސަރުކާރަށް މަރުހަބާ ކިޔާ ޓްވީޓްކުރުން ވަޒީފާގެ ބަޔާނުގައި ހިމަނާފައި، ވަޒީފާގެ ރައްކާތެރިކަމަކީ މިހާރު މިއީކަމަށް ނާޒިމް ވިދާޅުވިއެވެ.

ބޮޑެތި މަސައްކަތްކުރައްވާ ތައުލީމީ އަދި ފަންނީ މީހުންގެ މުސާރައަށްވުރެއް މިއަދު ސިޔާސީ މަގާމުތަކަށް އައްޔަނުކުރާ މީހުންގެ މުސާރަތައް ބޮޑު ވެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދާކުރާ މަސައްކަތަށް އެކަށީގެންވާ މުސާރައެއް ލިބެންޖެހޭކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ވަޒީފާ އަދާކުރުމަށް އެކަށީގެންވާ މުސާރައާއި ވަސީލަތްތައް ލިބެންޖެހޭ ކަމަށެވެ. އަދި އެއީ ވޯޓު ހޯދުމަށް ދޭ ރިޝްވަތަކަށް ވެގެން ނުވާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ފަންނީ މަސައްކަތްތެރިން މިއަދު އަޅުދާސްކުރެވިފައިވާ ކަމަށާއި އެކަމުގެ އެންމެ ފުރިހަމަ މިސާލަކީ ފޮރިން ސަރވިސްކަމަށެވެ. އެގޮތުން މިއަދު އެމްބަސީތަކަކީ ޕާޓީގެ މީހުންގެ ވަޒީފާއާއި ވިސާ ހޯދައިދޭތަނަކަށް ވެފައިވާ ކަމަށެވެ. އަދި ޕާޓީތަކުގެ ޒާތީ ސިޔާސީ ފިކުރުގެ ތެރެއަށް ސިފައިން ވަދެގެން ދާތަން ފެންނަކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ނާޒިމް ވަނީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކޮށްދީ، ހަމަހަމަކަމާ ރައްކާތެރިކަމާއެކު ވަޒީފާ އަދާކުރެވޭނެ ގޮތެއް ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.