ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ މެއި 01 ވަނަ ދުވަހު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މޭޑޭ މުޒާހަރާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރެއިން އިމްރާންމެން ފަދަ ބޭފުޅުން މުޒާހަރާ އެންމެ ހޫނުވި ވަގުތު ވަނީ ފިއްލަވާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މޭޑޭ މުޒާހަރާއަކީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ދިވެހިން ސަލާމަތްކުރި މުޒާހަރާ ކަމުގައި ހޯމް މިނިސްޓަރ އަދި އެމުޒާހަރާ ލީޑްކޮށް ޖަލުހުކުމެއް ތަންފީޒު ކުރި އިމްރާން ވިދާޅުވުމާއި ގުޅިގެން ކުރި ޓުވީޓުގައެވެ.
މޭޑޭ މުޒާހަރާއަކީ 2012 ވަނަ އަހަރަށް ފަހު އެންމެ ގިނަ ފުލުހުންނަށް ވެސް ތަފާތު ގިނަ އަނިޔާތަކާއި ކުރިމަތިލާން ޖެހުނު މުޒާހަރާއެވެ. އެދުވަހު ބާރު ސްޕީޑްގައި މުޒާހަރާގެ ބައިވެރިން ޕިކަޕެއް ދުއްވާފައި ގޮސް ފުލުހުންތަކެއްގެ ގައިގަ ޖައްސާފައި ވެއެވެ. އަދި ފުލުހަކު ވައްޓާލައިގެން ވެސް ބޮޑެތި އަނިޔާތަކެއް ދީފައި ވެއެވެ. މިމުޒާހަރާގައި އާންމުންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެންދިޔައިރު އިސްކޮށް ތިއްބެވި ގިނަ ބޭފުޅުންވަނީ ފަހުން މުޒާހަރާ ދޫކޮށް ފިއްލަވާފައެވެ.
މިކަމާއި ގުޅިގެން ވައްޑެ ވިދާޅުވީ މުޒާހަރާ އެންމެ ހޫނުވި ވަގުތު އާންމުން ދޫކޮށް އިސްކޮސް ތިއްބެވި ބައެއް ބޭފުޅުން ފިއްލެވިއިރު، އެދުވަހު ކަރުން ނާރު ނަގާފައި ދެއްކެވި ވާހަތަކަށް އަދި އަދާއި ހަމައަށްވެސް އިންސާފު ހޯދިފައި ނުވާކަމަށެވެ. ވެރިކަމުގެ ފަސް އަހަރުގެ ދައުރެއްލިބި ބާރުތައް އޮތް އިރުވެސް މިއިންކަމަށް އިންސާފު ލިބިފައި ނުވާކަމަށް ވައްޑެ ވިދާޅުވިއެވެ.
މޭޑޭގެ މުޒާހަރާގައި އާންމުން ދޫކޮށް ފިއްލެވީ ނޫންތޯ ތިބޭފުން؟ އަދި ބާރުލިބި 5 އަހަރު ވާން ދާއިރު މަރުހޫމް ރަޝީދު ފަދަ ފަރާތްތަކަށް އިންސާފު ވެސް ހޯދައި ނުދެވުނު ނޫންތޯ؟
– ވައްޑެ ވިދާޅުވިއެވެ.
މޭޑޭ މުޒާހަރާގައި އިމްރާން ވަނީ ޑރ.އަފްރާޝީމް އަލީގެ މަރާއި ރައީސް ޔާމީނާއި، އަދި އޭރު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވި އާދީބާއި ގުޅޭ ލިޔުންތަކެއް އެބަހުރި ކަމަށް ވިދާޅުވެ ލިޔުންތަކެއް ވެސް ދައްކާފައެވެ. ފަހުން އެނގުނު ގޮތުގައި އިމްރާން އެދުވަހު ދެއްކީ ހަވީރު ނޫހުގެ ވެބް ޕޭޖްތަކެއްގެ ޕްރިންޓްތަކެކެވެ.
އެލިޔުންތަކާއި ގުޅޭ ގޮތުން ވެސް އިމްރާން ވަނީ އެތައް ފަހަރަކު ދޮގު ހަދާފައެވެ. އެލިޔުންތަކާއި ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ސުވާލު ކުރުމުން އިމްރާން ވިދާޅުވީ ފުލުހުން ވަނީ އެލިޔުންތައް އޭނާ ހައްޔަރުކުރި ދުވަހު އަތުލާފައި ކަމަށެވެ. ނަމަވެސް ފަހުން މަޖިލީހުގެ ޖަލްސާތަކުގައިވެސް އަދި ރޭޑިއޯ ޕްރޮގްރާމެއްގައިވެސް އިމްރާން ވިދާޅުވީ މޭޑޭ މުޒާހަރާގައި އޭނާ ދެއްކީ ސިޔާސީ ވާހަކަތަކެއް ކަމަށެވެ.