މުސާރައިގެ ކުރިއެރުން ސިއްޙީ ދާއިރާގެ 3،710 މުވައްޒަފަކަށް

މުސާރައިގެ ކުރިއެރުން ސިއްޙީ ދާއިރާގެ 3،710 މުވައްޒަފަކަށް

Author
މުޙައްމަދު ޝަޒައިމް
30 އޭޕްރިލް 2023 10:12
0

ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 3710 މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްފަހު، ދައުލަތުގެ ޕޭ ފްރޭމްވަރކް ތެރޭގައި ހިމަނުއްވައިފިއެވެ.

މެއިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ ނިންމަވާފައެވެ. ރައީސްގެ މި ނިންމެވުމާއެކު މިހާރުވަނީ އެދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް އައިސްފައިވާ ކުރިއެރުންތައް ސަރުކާރުން ހާމަކުރައްވާފައެވެ.

ސިއްހީ ދާއިރާގެ 3710 މުވައްޒަފުންގެ ބޮޑުކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލް 520 މުވައްޒަފުން، އަތޮޅު ހޮސްޕިޓަލްގެ 471 މުވައްޒަފުން، ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުން، އައިޖީއެމްއެޗްގެ 1004 މުވައްޒަފުން، ހުޅުމާލެ ހޮސްޕިޓަލް 298 މުވައްޒަފުން އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ 452 މުވައްޒަފުންނެވެ. އެހެނިހެން ދާއިރާތަކުގެ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓާއި ޖެންޑަރ މިނިސްޓްރީ އަދި ސްކޫލްތަކުގައި ސިއްހީ ކަންކަމާއި ގުޅޭގޮތުން މަސައްކަތްކުރައްވާ މުވައްޒަފުންނެވެ.

މުސާރައަށް ކުރިއެރުން ދިނުމުގައި ބެލި ފަސް ކަންތައް:

– ބިނާކުރަން ދަތި ދާއިރާތަކުން ދިވެހިން ބިނާކުރަން އިސްކަންދީގެން މުސާރަތަކަށް ކުރިއެރުން ދިނުން
– ފަންނީ މުވައްޒަފުން އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލްކުރަން ބާރުއެޅުން
– ކެންސަރުގެ ފަރުވާދިނުމުގެ ފަންނުގައި ހިމެނޭ ދާއިރާތަކަށް ސްޕެޝަލައިޒްވެފައިވާ ފަންނުވެރިން ކުރިމަތިލުމަށް ހިތްވަރު ދިނުން
– އެލައިޑް ހެލްތުގެ ފަންނުތަކުގެ މުސާރަތަކަށް ރަނގަޅު ކުރިއެރުމެއް ގެނައުން
– އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކަށް ސިއްހީ ފަންނުވެރިން ހޯދުމަށް ދަތިވާ މައްސަލައަށް ހައްލު ހޯދުން

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލް ވިދާޅުވީ މުސާރަ ބޮޑުކޮށްފައިވަނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށްކަމަށެވެ. އަދި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ގެނެސްފައިވަނީ މައިގަނޑު 5 ކަމަކަށް ބެއްލެވުމަށްފަހުގައިކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި އެލައިޑް ހެލްތުގެ ފަންނުތަކުގެ މުސާރަތަކަށް އެކަށީގެންވާ ރަނގަޅު ކުރިއެރުމެއް ގެނައުމާއި ހުރިހާ ފަންނުތަކުގެ މުވައްޒަފުންވެސް އެންމެ ދަށްވެގެން "ފުރަތަމަ ޑިގްރީ" ހާސިލްކުރުމަށް ބާރު އެޅުމާއި މީގެ އިތުރަށްޞިއްޙީ ދާއިރާގެ ފަންނުތަކުގެ ތެރެއިން ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިކަމަށް ފާހަގަކުރެވިފައިވާ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުން ހިމެނެއެވެ.

މީގެއިތުުރުން ކެންސަރުގެ ފަރުވާ ދިނުމުގެ ފަންނުގެ ތެރޭގައި ހިމެނޭ ދާއިރާތަކަށް ސްޕެޝަލައިޒްވެފައިވާ ފަންނުވެރިން ކުރިމަތިލުމަށް ހިތްވަރު ދިނުމާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ހޮސްޕިޓަލްތަކަށް ޞިއްޙީ ދާއިރާގެ ބައެއް ފަންނުވެރިން ހޯދުމަށް ދަތިވާކަމަށް މައްސަލައަށް ހައްލުތަކެއް ހޯދުމަށްވެސް މުސާރަތައް ބޮޑުކުރިއިރު ވިސްނަވާފައިވާކަމަށް ޑރ.މުޙައްމަދު ފައިޒަލް ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން ނަރުހުންގެ މުސާރައަށް ބަލާލާއިރު ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސާއެކު ކުރިން ލިބެނީ މަހަކު އެވްރެޖްކޮށް 20459 ރުފިޔާއެވެ. ނަމަވެސް މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29271 ރުފިޔާ ލިބޭނެއެވެ. އަދި ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 41976 ރުފިޔާއަށް މަތިކޮށްފައެވެ.

މީގެ ކުރިން ސީނިއަރ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28727 ރުފިޔާއެވެ. ގެނެވުނު ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސައި ނުލައި އެވްރެޖްކޮށް މަހަކު 41541 ރުފިޔާ އެމީހުންނަށް ލިބޭނެއެވެ. އަދި މެޑިކަލް ޕްރެކްޓިޝަނަރުންނަށް ވެސް، މި ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތައާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރަ މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98137 ރުފިޔާ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނާޒް
މުސާރައިތުރު ކުރުމުގްވެސް ބުރަމަސައްކަތް ކުރާ ނިކަމެތިން ތިބި މަޤާމުތައް ބާކީ
ފ ފާތިމާ
ސިއްހީދާއިރާގަ ދެންތިބީ މުވައްޒަފުންނެއްނޫން