ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓު ސައިޓަށް ގެންގޮސްފައިވާކަމަށާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 43 އިންސައްތަ މަސައްކަތް ފުރިހަމަވެފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ޕްލޭނިން މިނިސްޓްރީން ގައްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއަކީ 40.2 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ. އަދި ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހު 26 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން 23,017 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 232 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 320 މީޓަރުގެ ސްކޯރިން އޭޕްރަންއެއް ހެދުމާއި ބްރިޖެއް ހެދުމާއި 1600 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.