ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުން ޔޫކުރެއިންއަށް ފޯރުކޮށް ދީފައިވާ ހަތިޔާރުގެ އާ ޝިޕްމަންޓްތަކާއެކު، ރަޝިއާއިން ހިފާފައިވާ އެގައުމުގެ ބިންތައް އަތުލުމަށް، މުޅިން އާ، ވަރުގަދަ ހަމަލާތަކެއް ފެށުމަށް ޔޫކުރެއިން އިން ތައްޔާރު ވެއްޖެއެވެ.
ޔޫކުރެއިން ބުނެފައިވަނީ، ބަހާރު މޫސުން ފެށުމާއެކު، އެގައުމުން ފެށުމަށް ތައްޔާރު ވަމުން އައި ކައުންޓަރ ހަމަލާތައް ފެށުމަށް މިހާރު މުޅިންހެން ކަހަލަ ގޮތަކަށް ތައްޔާރު ވެފައިވާ ކަމުގައެވެ. ބެލެވޭ ގޮތުގައި ޔޫކުރެއިން މި ހަމަލާތައް އެގައުމުގެ ދެކުނުން ފަށާއިރު، މިހަމަލާތައް ވެގެން ދާނީ އަހަރަކަށްވުރެ ދިގުލައިގެން ގޮސްފައިވާ މި ހަނގުރާމައިގެ ހާލަތު ބަދަލު ކޮށްލުމަށް މުހިންމު ހަމަލާތަކެއް ކަމުގައެވެ.
އެހެންނަމަވެސް، ރަޝިއާއިންވެސް އެގައުމުގެ ގްރައުންޑް ފޯސްތައް ވަރުގަދަކޮށް، އަދި ދިފާޢުވެސް އިހުނަށްވުރެ ވަރުގަދަ ކޮށްފައިވާ ވުމާއެކު، ޔޫކުރެއިންއިން އަލަށް ފަށާ ހަމަލާތަކުންވެސް އާދަޔާ ޚިލާފު ބޮޑު ބަދަލެއް ހަނގުރާމައިގެ ހާލަތަށް އަތުވެދާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ނުދެކެއެވެ.
ސީއެންއެންއާއި އަދި އެހެން ނޫސް އޯގަނިޒޭޝަންތަކުން ނަގާފައިވާ ސެޓްލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ރަޝިއާއިން ވަނީ ޔޫކުރެއިންގެ ދެނުކުގައި، ޓޭންކުތަކަށް ނުވަދެވޭނެހެން ދިގު ކަންޒުތައް ކޮނެ، ހުސް ބިންތަކުގައި މައިންތައް ވަޅުލާ ހަދާފައެވެ.
އަދި ޔޫކުރެއިންގެ ފައުޖުތަކުން ހަމަލާތައް އަމާޒު ކުރާނެކަމަށް ބެލެވޭ، އެގައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި ރަޝިއާއިން ގާއިމް ކުރަމުންދާ މި ދިފާޢުތައްވަނީ އެތައް ސަތޭކަ މޭލަކަށް ދިގުދެމިގެން ގޮސްފައެވެ.
އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޔޫކުރެއިންއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެންދާނީ، ރަޝިއާގެ ކޮމާންޑް އެންޑް ކޮންޓްރޯލް ފޫއަޅުވާލާ، ބާރު ސްޕީޑުގައި މި ދިފާއުތައް ގިރާކުރަމުން ދިއުމެވެ.
ޔޫކުރެއިން ހަނގުރާމަ މިހާރު އަހަރަކަށްވުރެ ދިގުލައިގެން ގޮސްފައި ވުމާއެކު، މި ހަނގުރާމާގައި ބައިވެރިވާ ގައުމުތަކުން މިހާރު ތައްޔާރުވަމުން ދަނީ، މިހަނގުރާމަ އަހަރުތަކަކަށް ދިގުލައިގެން ހިގައިދާނެކަމަށް ބަލާ އެފަދަ ހާލަތަކަށެވެ.
ކޮމެންޓު ފޮނުވާ