ޗާގޯސް މައްސާލައި އިދިކޮޅުން ދެއްކި ވާހަކަތަކަކީ ހަގީގަތެއް ނޫންކަން މިއަދު ސާފުވެފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، ރާއްޖެއިން ހުށައެޅިގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން މިއަދު ވަނީ ނިންމާފައެވެ. ނަމަވެސް މިމައްސަލާގައިި ރާއްޖޭގެ ކަނޑު ބައެއްވެސް ވަނީ ގެއްލިފައެވެ. މިކަމުގެ ކަންބޮޑުވުންވެސް ސޯޝަލް މީޑިއާގައި ދަނީ ފާޅު ކުރަމުންނެވެ.
މިމައްސަލާގައި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން މިއީ ބޮޑު ކާމިޔާބީއެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމަކީ ކާމިޔާބަކަށްވާނަމަ މިއީ ވެފައިވާ ބޮޑު ޚިޔާނާތެއްކަމަށެވެ.
މިމައްސަލާގައި މިނިސްޓަރ އިމްރާން ވިދާޅުވީ މިއީ ސަރުކާރަށް ލިބުނު ކަމިޔާބެއްކަމަށެވެ. އަދި މިމައްސަލާގައި ފެށުނީއްސުރެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔަ ވާހަކަތަކީ އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއްކަން މިއަދު އިޓްލޮސް އިން ކުރި ހުކުމުން ސާފުވެފައިވާކަމަށެވެ.
މިމައްސަލާގައި ފެށުނީއްސުރެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދިޔަ ވާހަކަ ތަކަކީ ހަގީގަތެއް ނޫންކަން އިންސާފަށް ލޯބިކުރާ ކޮންމެ މީހަކަށް މިއޮތީ ސާފުވެފަ.
– ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ރާއްޖެއާއި ޗާގޯސް އާކިޕަގޯއާއި ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު (އީއީޒެޑް) ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަޙައްދެއް އޮވެއެވެ. ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ނިމިފައިނުވާތީ، އެ ސަރަހައްދުގެ އިން އެއްވެސް އިރެއްގައި ކަނޑައަޅާފައެއް ނުވެއެވެ.
ދެޤައުމުގެ ފުށުއަރާ ސަރަޙާއްދު ދެޤައުމުން އެއްބަސް ނުވެވޭ ޙާލަތުގައި، ބައިނަލްއަޤްވާމީ އުސޫލުތަކުން ބަޔާންކުރަނީ އިން ވަކިކުރާނީ "އިކުއިޑިސްޓެންސް"އަށް ބަލައިގެންކަމަށެވެ. މި އުސޫލަށް ބަލާއިރު، ދެޤައުމުގެދެމެދުގައި ޚިޔާލު ތަފާތުވުންއުފެދުނީ އިން ވަކިކުރަން ފަށާނެ ހިސާބަކާއިމެދުއެވެ. އެގޮތުން މޮރީޝަސްއިން ވަކާލާތުކުރަމުން ދިޔައީ، އިން ވަކިކުރުމުގައި މިން އަޅަން ފަށާނީ "ބްލެންހެމް ރީފް" އިން ފެށިގެންކަމަށެވެ. އެއީ ހަމައެކަނި ހިކި ދިޔަވަރުގައި އެކަނި ފެންނަ ފަރެކެވެ. ނަމަވެސް ރާއްޖޭން ބުނަމުން އައީ އެއީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނަކަށް ނުވާތީ އެތަން ބޭސް ޕޮއިންޓަކަށް ނުވަތަ އިން ވަކިކުރަން ފަށާ ހިސާބުގެ ގޮތުގައި ނުބެލޭނެ ކަމަށެވެ. ބޭސް ޕޮއިންޓަށް ބަލައިފި ނަމަ މޮރިޝަސް އަށް 4،687 އަކަކިލޯމީޓަރު އިތުރަށް ލިބެއެވެ.
ނަމަވެސް ރާއްޖެއިން ހުށައެޅި ލިޔެލިޔުންތަކާއި ހެކިތަކަށް ބަލާ، އިޓްލޮސްއިން ނިންމާފައިވަނީ މޮރީޝަސްގެ ހުށައެޅުން ބަލައި ނުގަތުމަށެވެ. އިޓްލޮސްގެ ޗެމްބަރުން ނިންމީ "ބްލެންހެމް ފަރު"ގެ ސަރަޙައްދުން ފެށިގެން މިން ނޭޅުމަށެވެ. އިޓްލޮސްގެ ޗެމްބަރުން ނިންމީ ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކިކުރުމަށް ޓަކައި "އިކުއިޑިސްޓަންސް" ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތްކަމަށެވެ.
އެހެންކަމުން މޮރީޝަސްއާއި ދެކޮޅަށް މި މައްސަލަ ނިމުމާއި ގުޅިގެން، ދެޤައުމުން ފުށުއަރާ ސަރަޙައްދުން ރާއްޖެއަށް 4،600 އަކަކިލޯމީޓަރުގެ ސަރަޙައްދެއް އިތުރަށް ލިބިފައެވެ.
ކޮމެންޓު ފޮނުވާ