އިޓްލޮސްގެ ނިންމުމުން ޤައުމަށް ޣައްދާރުވީ މީހުން ސާފުވެއްޖެ: ރޮޒޭނާ

އިޓްލޮސްގެ ނިންމުމުން ޤައުމަށް ޣައްދާރުވީ މީހުން ސާފުވެއްޖެ: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2023 03:40
0

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ނިންމި ނިންމުމާއިއެކު ޤައުމަށް ޣައްދާރުވީ ކޮންބައެއްކަން ސާފުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިމައްސަލާގައި 2009 ވަނަ އަހަރުން މިހާތަނަށް މިވީ އެކި ސަރުކާރުތަކުން އަމަލުކޮށްފައިވާ ގޮތާއި، އިޓްލޮސް އިން މިއަދު އިއްވި ހުކުމުގައި ފާހަގަކުރި ބައެއް ކަންކަމަށް ރިއާޔަތްކޮށް ކުރެއްވި ޓުވީޓުގައެވެ. ރޮޒޭނާ ވިދާޅުވީ 2009 ގަ ޗާގޯސް އަށް ކްލެއިމް ކުރުމުގެ ފުރުސަތު ނިމުނުއިރު ކްލެއިމް ނުކޮށް އޮތުމުގެ ސަބަބުން މިއަދު އެ ކްލެއިމް ނުކުރެވޭނެ ކަމަށް ޖަޖް ވަރަށް ސާފުކޮށް ބުނެދީފައިވާކަމަށެވެ.

ރޮޒޭނާގެ ފާޑުކިޔުން ބޮޑަށް އަމާޒުވީ ރައީސް ނަޝީދަށެވެ. އެނާ ވިދާޅުވީ 2009 ވަނަ އަހަރު މޮރިޝަސް އަށް ގޮސް ފައްޓަރުބައި ހޯދުމުގެ ބަދަލުގަ ޗާގޯސް އަށް ކްލެއިމް ކުރުމުގެ ފުރުސަތުގެ ބޭނުން ހިފި ނަމަ މިއަދު މިވާހަކަ ދައްކަން ނުޖެހުނީސްކަމަށެވެ. އަދި މިއަދު ނިންމު ނިންމުމުން މިމައްސަލާގައި ޤައުމަށް ޣައްދާރުވީ ކޮންބައެއްކަން ސާފުވެފައިވާކަމަށެވެ.

2009 ގަ ޗާގޯސް އަށް ކްލެއިމް ކުރުމުގެ ފުރުސަތު ނިމުނުއިރު ކްލެއިމް ނުކޮށް އޮތުމުގެ ސަބަބުން މިއަދު އެ ކްލެއިމް ނުކުރެވޭނެ ކަމަށް ޖަޖް ވަރަށް ސާފުކޮށް ބުނެފި. 2009 ގަ މޮރިޝަސް އަށް ގޮސް ފައްޓަރުބައި ހޯދުމުގެ ބަދަލުގަ އެކަން ކުރެއްވިނަމަ މިއަދު ޗާގޯސްއޭ ކިޔާފަ އަނގަހުޅުވުމުގެ ފުރުސަތު އޮތީސް. ގައުމަށް ގައްދާރުވި މީހުން މިއަދު މިއޮތީ ސާފުވެފަ. 2009 ގެ ކުރިންވެސް ރާއްޖެއިން މި ކްލެއިމް ކޮއްފައެއްނުވޭ! 2009 ގަ އަދި އޭގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅެއްވެސް، އެޓާރނީ ޖެނެރަލެއްވެސް ގިނަ ވާހަކަތައް ދެން ނުދެއްކެވިއްޔާ ރަނގަޅީ. ތިއެންމެން ޒިންމާވޭ މިކަމުގަ!

– ރޮޒޭނާ ވިދާޅުވިއެވެ.

އިޓްލޮސްއިން ނިންމީ މި މައްސަލައިގައި ފުށުއަރާ ސަރަޙައްދު "އިކުއި ޑިސްޓެންސް" އުސޫލުން ބަހާލައިގެންނެވެ. މޮރިޝަސްއިން ހުށައެޅީ އެ ގައުމުގެ ފަރުގެ ސަރަޙައްދެއްކަމަށް ބުނާ "ބްލެންހެން ރީފް"އިން ފެށިގެން އިން ކަނޑައެޅުމަށެވެ.

ރާއްޖެއާއި މޮރިޝަސްގެ އިމުން 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރަ އެވެ. މިބައި ބަހާއިރު މޮރިޝަސް އިން ބޭނުންވީ ބޭސް ޕޮއިންޓަކަށް "ބްލެންހެމް ރީފް" ބެލުމަށެވެ. އެކަމަކު ރާއްޖޭން ބުނަމުން އައީ އެއީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނަކަށް ނުވާތީ އެތަން ބޭސް ޕޮއިންޓަކަށް ނުބެލޭނެ ކަމަށެވެ. އެއީ ބޭސް ޕޮއިންޓަށް ބަލައިފި ނަމަ މޮރިޝަސް އަށް 4،687 އަކަކިލޯމީޓަރު އިތުރަށް ލިބެއެވެ.

ނަމަވެސް ރާއްޖެއިން ހުށައެޅި ލިޔެލިޔުންތަކާއި ހެކިތަކަށް ބަލާ، އިޓްލޮސްއިން ނިންމާފައިވަނީ އެގައުމުގެ ހުށައެޅުން ބަލައި ނުގަތުމަށެވެ. އިޓްލޮސްގެ ޗެމްބަރުން ނިންމީ ބްލެންހެމް ފަރުގެ ސަރަޙައްދުން ފެށިގެން މިން ނޭޅުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.