ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ޗައިނީސް ޓައިޕޭގެ ކޯ ޕިން ޗަންގް ހޯދައިފިއެވެ.
މޯލްޑިވްސް އޯޕަން 2023 – 10 ބޯލް ޗެމްޕިއަންޝިޕް ކޯ ޕިން ޗަންގް ކާމިޔާބުކުރީ ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ފިލިޕީންސްގެ ޔޯހަން ޗުއާއާާ ވާދަކޮށް 10-8 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.
ގައުމީ ބިލިއާޑް ސެންޓަރުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. މިއީ ދުނިޔޭގެ ބިލިއާޑް ފެޑެރޭޝަނުގެ ރޭންކިން މުބާރާތެއްގެ ފައިނަލް މެޗެއް އެ ގައުމެއްގެ ރައީސް ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ފަހަރެވެ. މީގެއިތުރުން ދުނިޔޭގެ ބިލިއާޑްގެ މައި އިދާރާ ކަމަށްވާ ވޯލްޑް ޕޫލް ބިލިއާޑް އެސޯސިއޭޝަން (ޑަބްލިއުޕީއޭ) ގެ ރައީސް ދެކުނު އެފްރިކާގެ އިޝައުން ސިންގް އާއި ޑަބްލިއުޕީއޭގެ ބޯޑު މެންބަރު މެލްވިން ޗިއާ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފައިނަލް މެޗު ފަށައިގެން ކޯ ޕިން ވަނީ ރަނގަޅު ލީޑެއް ނަގާފައެވެ. ނަމަވެސް ބްރޭކަށްފަހު ހެދުނު ގޯސްތަކެއްގެ ސަބަބުން ޔޯހަން ވަނީ ޖެހިޖެހިގެން ކާމިޔާބުކުރި ފްރޭމުތަކާއެކު 8-8 އިން އެއްވަރުކޮށްފައެވެ. އެކަމަކު ކޯ ޕިން ޗެމްޕިއަންކަން ހޯދީ ފަހު ދެ ފްރޭމުގައި އިތުބާރާއެކު ކުޅެގެންނެވެ.
މުބާރާތުގެ ޗެމްޕިއަންކަން ކޯ ޕިން ހޯދީ އޭޝިއާ އަދި ދުނިޔޭގެ ރޭންކިންގެ ވަރުގަދަ ކުޅުންތެރިންތަކެއް ފަހަތަށް ޖައްސާލުމަށްފަހުއެވެ. ދުނިޔޭގެ ރޭންކިންގައި އޭނާ މިވަގުތު އުޅެނީ 22 ވަނައިގައެވެ. އަދި އޭޝިއާއިން އޭނާ އުޅެނީ ހަތަރުވަނައިގައެވެ. މި މުބާރާތާއެކު އޭނާގެ ރޭންކިންއަށް ކުރިއެރުންތަކެއް އަންނާނެއެވެ.
ދުނިޔޭގެ 15 ގައުމެއްގެ 64 ކުޅުންތެރިން ވާދަކުރި މި މުބާރާތުގެ ގަދަ 32 ކުޅުންތެރިން ތެރޭގައި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ހަސަން ޝާޒް މުޙައްމަދު ވަނީ ހިމެނިފައެވެ. މިއީ ރާއްޖޭގެ ބިލިއާޑުގެ ތާރީޚުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ. ފައިނަލް މެޗަށްފަހު ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން ޗެމްޕިއަން ކޯ ޕިން ޗަންގް ބުނީ ފައިނަލް މެޗު އުނދަގޫވި ކަމަށާއި، ނަމަވެސް ކާމިޔާބުކުރެވުމުން ވަރަށް އުފާވާކަމަށެވެ. އަދި މުބާރާތުގެ އިންތިޒާމުތަކަށް އޭނާ ވަނީ ތައުރީފުކޮށްފައެވެ.
ފައިނަލް މެޗަށްފަހު ވާހަކަދައްކަމުން މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ރައީސް އަޙްމަދު ނާސިފް ވިދާޅުވީ އެންމެ ބޮޑު ހިިތްހަމަޖެހުމަކީ ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭނެ ތަނަކަށް ރާއްޖެވުން ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި މުބާރާތުގެ ތައްޔާރީތައް ފުރިހަމަވީތީ އެކަމަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި މި ކުރު މުއްދަތުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ކުޅުންތެރިން ޝައުގުވެރިކަން ފާޅުކޮށްފައިވުމީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، މި މުބާރާތް ކުރިއަށްއޮތް ތިން ވަރަކަށް އަހަރު ބާއްވައިފިނަމަ ބިލިއާޑުގެ ލީޑިން ތަނަކަށް ރާއްޖެ ވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރި މި މުބާރާތުގައި ރާއްޖޭގެ 16 ކުޅުންތެރިއަކު ވަނީ ވާދަކޮށްފައެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވީ ޑަބްލިޔުޕީއޭ އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިލިއާޑް ސްޕޯޓްސް (އޭސީބީއެސް) ގެ އެހީތެރިކަމާއެކުގައެވެ.