ސްޕެއިންގައި ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ސީފުޑް ފެއާރކަމަށްވާ "ސީފުޑް އެކްސްޕޯ ގްލޯބަލް" ގައި ދިވެހި އުފެއްދުންތައް ދައްކާލައިފިއެވެ.
ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މި ފެއަރގައި ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯ އާއި މަސްވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ އަމިއްލަ ބައެއް ކުންފުނިތައްވެސް ބައިވެރިވެފައިވާއިރު، އެފަރާތްތަކުން ދަނީ މި އެކްސްޕޯގައި ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރަމުންނެވެ.
މި ފެއަރ ކުރިއަށްދާނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަނޑުމަހުގެ ވިޔަފާރިކުރާ ކުންފުނިތަކާއި، ކަނޑުމަހުގެ ބާވަތްތައް ގަންނަ ކުންފުނިތައް އެއްތަނަކުން ބައްދަލުވެ، އުފެއްދުންތައް ދައްކާލައި ވިޔަފާރި ފުޅާކުރުމަށް ފުރުޞަތު ފަހިވާ އެކްސްޕޯއެކެވެ.
މިއީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވެސް ބޭރުގެ މާރކެޓަށް ދައްކާލައި މާރކެޓްކުރަން ލިބިގެންދާ ރަނގަޅު ފުރުޞަތެކެވެ. މި އަހަރުގެ "ސީފުޑް އެކްސްޕޯ ގްލޯބަލް" ގައި މަސްވެރިކަމުގެ ވިޔަފާރީގައި ޙަރަކާތްތެރިވާ 160 ޤައުމެއްގެ ކުންފުނިތައް ބައިވެރިވެއެވެ.
ފެއަރގައި މިފްކޯއިން ވަނީ އެ ކުންފުނިން ވިއްކާ އެކި ބާވަތުގެ މަސްދަޅުގެ ރަހަ ބަލާލުމުގެ ފުރުޞަތު ދީފައެވެ. މިފްކޯގެ އިތުރުން މަސްވެރިކަމުގައި ޙަރަކާތްތެރިވާ އެހެން ބައެއް ކުންފުނިތައް ވެސް ވަނީ އައު އުފެއްދުންތައް އެކްސްޕޯގައި ދައްކާލައިފައެވެ.
މި ފެއާރގައި ބައިވެރިވި ރާއްޖޭގެ ކުންފުނިތަކުން، ދިވެހި ކަނޑުމަސް އިޝްތިހާރުކުރަނީ ތިމާވެށްޓާ ރައްޓެހި މަސްވެރިކަމެއް ކުރާ ބްރޭންޑެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ