ޕްލާސްޓިކް މަދުކުރުމަށް އެއްވެސް ކަހަކަ ހަރުދަނާ ސިޔާސަތެއް ނެތްކަމަށާ، މިދަނޑިވަޅުގައި ކޮތަޅު އަގުބޮޑުކުރުމަކީ ރައްޔިތުން ނިކަމެތިކުރުންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މިހާރު ބޮޑުވެފައިވާ ކޮތަޅު މައްސަލައާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ނާޒިމް ވިދާޅުވެފައިވަނީ މިއީ ރާއްޖޭގައި ފަޤީރުކަން ބޮޑުވެފައިވާ ދަނޑިވަޅެއްކަމަށެވެ. މިދަނޑިވަޅުގައި ޕްލާސްޓިކް ކޮތަޅު އަގުބޮޑުކޮށް އެއިން އިތުރު ފީއެއް ނަގާއިރު ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ރައްޔިތުން ބޭނުންކުރާނެ އެހެން އެއްޗެއް ނުވެސް ނެތްކަމަށެވެ. އަދި އެފަދަ މަގެއް ފަހިކޮށްދެވިފައިވެސް ނެތްކަމަށެވެ.
އެހެންކަމުން މިފަދަ ޙާލަތެއްގައި ޕްލާސްޓިކޮތަޅުން އިތުރު ފީއެއް ނެގުމަކީ ރައްޔިތުން ނިކަމެތިކުރުންކަމަށް ނާޒިމް ވިދާޅުވިއެވެ.
ފަގީރުކަން ނުހަނު ބޮޑު ވެފައިވާ ދަނޑިވަޅެއްގައި އަދި ރައްޔިތުންނަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުން ކުރެވޭނެ އެހެން ތަކެތި ލިއްބައިނުދީ ތިމާވެށްޓަށްޓަކައި ކަމަށް ބުނެ ކޮތަޅުގެ އަގު ބޮޑު ކުރުމަކީ ރައްޔިތުން ނިކަމެތި ކުރުން.
ޕްލާސްޓިކް މަދުކުރަން ހަރުދަނާ ސިޔާސަތެއް ނެތް.
— Mohamed Nazim MP (@nazim7878) April 23, 2023
ކޮތަޅު ބޮނޑީގެ އަގު ބޮޑުވުމާއި ގުޅިގެން ވަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މި އޭޕްރިލް މަހުން ފެށިގެން ކޮތަޅަކަށް ދެ ރުފިޔާ ނަގަން ފަށާފައިވާއިރު، މީގެ ކުރިން 25 ރުފިޔާއަށް ލިބޭ ކޮތަޅު ބޮނޑީގެ އަގު މިހާރު ވަނީ 225 ރުފިޔާއަށް އުފުލިފައެވެ. އަދި މިހާރު ޤާނޫނު އޮތް ގޮތުން ކޮންމެ ކޮތަޅަކުން ދައުލަތަށް 6 ރުފިޔާގެ ފައިދާއެއް ޖެހެއެވެ.
އެއީ މި ޤާނޫނު ގެނައި މަޤްސަދު ވެސް ހާސިލު ނުވެ، ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަންކަމުގެ ގޮތުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އިސް ބައެއް ބޭފުޅުންވެސް ދަނީ ވިދާޅުވަމުންނެވެ.