"ސިފްކޯ ހިޔާ"ގެ މަސައްކަތްތައް 3 މަސްދުވަހުގެ ތެރޭގައި ނިންމަވައި، އެތަނުގައި ސިފައިންގެ ޢާއިލާތަކަށް ދިރިއުޅެން ފެށޭނެކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.
ސިފައިންގެ 131 ވަނަ އަހަރީ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ސިފައިންގެ މެދުގައި އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި އޮތް އެއް ކަމަކީ ބޯހިޔާވަހިކަން ނުލިބުމުގެ މައްސަލަ ކަމަށެވެ. އެކަން ހައްލުކޮށް ސިފައިންގެ ވެލްފެއާގެ ކަންކަން ހަރުދަނާ ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސިފްކޯ ހިޔާ" ގައި ހިމެނެނީ ލަގްޒަރީ ފެންވަރުގެ ތިން ކޮޓަރީގެ ފްލެޓުތަކެކެވެ. މި މަސައްކަތް ނިމޭއިރު ހުންނާނެ ގޮތުގެ "މޮކަޕް ރޫމެއް" ފްލެޓްތައް ލިބޭ މީހުންނަށް މިދިޔަ އަހަރު ދައްކާލާފައިވެއެވެ. ސިފައިންގެ ފްލެޓުގެ މަސައްކަތްތައް އެންމެ ފުރަތަމަ ކުރީ ސެޕްޓެމްބަރު، 2013 ގައެވެ. އެ މަސައްކަތް ޑިފެންސް މިނިސްޓްރީން އޭރު ހަވާލުކުރީ ނޫމަޑި ރިސޯޓު އެންޑް ރެޒިޑެންސްއާއެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާތީ އާއި މަޝްރޫއުގެ ސްޕީޑް ލަސްވާތީ އެއްބަސްވުން ބާތިލް ކުރިއެވެ.
އޭގެ ފަހުން އެ މަޝްރޫއު ހިންގީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، މުވައްޒަފުންނަށް މުސާރަ ނުދެވުމުން އެ މަސައްކަތް ކުރިއަކަށް ނުދިޔައެވެ.
ޢަބްދުއްރަހީމް ޢަބްދުއްލަޠީފް ވިދާޅުވީ، މަސައްކަތް ފެށްޓެވިފަހުން މިހާރު ގާތްގަނޑަކަށް 10 އަހަރުވެފައިވާ "ސިފްކޯ ހިޔާ" ފްލެޓްތަކުގެ މަޝްރޫޢު ކުރިއަށް އޮތް 3 މަހެއްހާ ދުވަހުގެ ތެރޭގައި ނިންމަވައި އެތަނުގައި ދިރިއުޅެން ފެށޭވަރުވާނެ ކަމަށެވެ. އަދި މިއާއެކު ސިފައިންގެ ޢާއިލާތަކުގެ މެދުގައި އޮތް ޒަމާންވީ ކަންބޮޑުވުމަށް ބޮޑު ލުޔެއް ލިބޭނެކަންވެސް ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ފާހަގަކުރެއްވިއެވެ.
މިހާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށްއޮތް 3 މަހެއްހާ ދުވަހުގެ ތެރޭގައި އެ ފްލެޓްތައް ނިމި އެތަނަށް ސިފައިންނަށް ވަދެވޭނެކަމަށް. މިއީ ސިފައިންގެ ޢާއިލާތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް. އަޅުގަނޑު ޤަބޫލުކުރަން ވެލްފެއަރގެ ކަމަކަށް އެންމެ ބޮޑަށް ސިފައިންނަށް ބޭނުންވެފައި އޮތް އެއް ކަންތަކަށް މި ސަރުކާރުން އެ ހައްލު ގެނެސްދެއްވަނީ.
– ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވިދާޅުވިއެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަޠީފް ވިދާޅުވީ، ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައި ސިފައިންގެ ވެލްފެއަރގެ ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ