ސިފައިންނަކީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ފަޚުރުވެރި ޚިދުމަތެއް ކުރައްވަމުންގެންދަވާ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ތަހުނީޔާގެ ޓްވީޓުގައެވެ.
ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޝަމާލް އަދި ހުރިހާ ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ދުވަހުގެ މުނާސަބަތުގައި ތަހުނިއާ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ސިފައިންނަކީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ފަޚުރުވެރި ޚިދުމަތްތަކެއްގައި ދެމި ތިއްބަވާ ބައެއްކަަމަށެވެ.
ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ގިނަ ޙަރަކާތްތަކެއް ހިންގެވުމަށް ވަނީ ރާއްވަވައިފައެވެ. މިގޮތުން ސިފައިންނާއި ސިފައިންގެ ޢާއިލާތަކާއި އަދި ޢާންމުންނަށް ވެސް ބައިވެރިވޭގޮތަށް ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދަވަން ކަނޑައަޅުއްވައިފައި ވެއެވެ.
ކޮންމެ އަހަރަކަށްވެސް ސިފައިންގެ ޝިޢާރެއް ކަނޑައަޅައެވެ. އެގޮތުން، މިއަހަރަށް ކަނޑައަޅާފައި ސިފައިންގެ ޝިޢާރަކީ "ސިފައިންގެ ބަދަހިކަން – ޤައުމުގެ ހަމަޖެހުން". އެވެ. މި ޝިޢާރުން ހަނދާންކޮށްދެނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރެވޭނީ ސިފައިން ބަދަހި ލަޝްކަރެއްގެ ގޮތުގައި އޮވެގެންކަމެވެ.
ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އޭޕްރީލް 21 ވަނަ ދުވަހުއެވެ. އަދި ކޮންމެ އަހަރެއްގެވެސް އޭޕްރީލްމަހުގެ 21 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ސިފައިންގެ ދުވަހުގެ ގޮތުގައެވެ.