އަންނަ އަހަރަށް ދައުލަތުން ނަގާ ދަރަނީގެ ފުރިހަމަ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރަންޖެހޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ކޮމިޓީ ރިޕޯޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ދައުލަތުގެ ދަރަނީގެ މައުލޫމާތަކީ ހަމައެކަނި ފިނޭންސް މިނިސްޓްރީގައި އެކަނި ހުންނަންޖެހޭ މައުލޫމާތެއް ނޫންކަަށެވެ. އަދި ދައުލަތުން ސުކޫކާއި، ބޮންޑާ ޓީބިލް ވިއްކާނަމަ އެކަންކަމުގެ ފުރިހަމަ މައުލޫމާތު މަޖިލީހުގެ ރައީސަށް އެގެންޖެހޭނެ ކަމަށެވެ. މިމައުލޫމާތު މަޖިލީހާއި ހިއްސާކުރުމަށް ބަޖެޓަށް އިސްލާހެއްވެސް ހުށަހަޅާފައިވާނެކަމަށް މަޖިލިސް ނައިބް ރައީސް އީވާ ވިދާޅުވިއެވެ.
މިއީ ސިއްރުން ފިނޭންސް މިނިސްޓްރީއަށް އެކަނި ކުރެވޭނެ ކަމެއްނޫން. ފުރިހަމައަށް ތަފްސީލާއި ވާނުވާ މަޖިލީހަށް އެގިގެން މިކަން ކުރެވޭނީ. އަޅުގަނޑުވާނީ އިސްލާހެއް ހުށަހަޅާފަ މިމައުލޫމާތު މަޖިލިސް ރައީސަށް ލިބޭނެ ގޮތަކަށް، މަޖިލިސް އިދާރާއަށް ލިބޭނެ ގޮތަށް ހުށަހަޅާފަ. ލޯނުތައް ދެއްކުމާއި ދޭތެރޭގައި އިންތިޒާމުވެފައިވާ ވިސްނުމެއް ގެންގުޅެންޖެހޭ. ކޮންމެ ލޯނެއް ނަގާފައިވަ ފަރާތާކާއި ވަކިވަކިން މަޝްރާއަށް ދިއުމަށްވުރެ އިންތިޒާމުވެ ލޯނުތައް އަބުރާ ދެއްކުން ފަސްކުރާނެ ގޮތެއް ނުހޯދިއްޖެނަމަ މާރޗް މަހާއި ހަމައަށް ދަތިވާނެ.
– އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ މަޖިލީހުން މިގޮތަށް ކަންކަން ކުރަންޖެހެނީ ދައުލަތުން ނަގާދަރަންޏާއި، ސޮވެރިން ގެރެންޓީ ދީގެން ހިންގާ މަޝްރޫޢުތައް މޮނީޓާ ކުރުމުގައިވެސް ކަމާއިބެހޭ މުވާޒާރާތަކަށް މިކަންކަން އެންމެ އެކަށީގެންވާ ގޮތަށް ނުބެލެހެއްޓުމުންކަމަށެވެ. އަންނަ އަހަރަކީ އިޤްތިޞާދީ ގޮތުން ދަތި އަހަރަކަށްވާއިރު، މިކަންކަމާއި ދުރާލައި ފިޔަވަޅު ނޭޅިއްޖެނަމަ މިކަމުގެ ދަތިކަން ކުރިމަތިވާނީ ރައްޔިތުންނަށް ކަމުގައި އީވާ ވިދާޅުވިއެވެ.
އީވާގެ ވާހަކަތަކާއި ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ދައުލަތް ދަރަނައި ދައުލަތް އެކީ ބަގުރޫޓުވުމަކީ އެދޭ ކަމެއްނޫންކަމަށެވެ. އެކަން ނުވެ ދިއުމަށްޓަކައި އީވާ ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ މުހިންމު އިސްލާހެއްކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ