މިއަހަރުގެ ސިފައިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ގިނަ ހަރަކާތްތަކާއި ހަވާ އެރުވުމަށްވެސް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ސިފައިންގެ ދުވަހުގެ ގޮތުގައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މިއަހަރު ފާހަގަކުރައްވާ 131 ވަނަ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށޭނީ މާދަމާ ހެނދުނު 06:00 ޖަހާއިރު އޮންނަ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުންކަމަށެވެ. އަދި ހަވީރު 16:00 އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޝަރަފްގެ ހިނގާލުން އޮންނާނެއެވެ.
މިހިނގާލުމުގައި ބައެއް ތަންތަނުގައި މަޑުކޮށް މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް އޮންނާނެއެވެ. މީގެ އިތުރުން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޑިސްޕްލޭއެއް މާދަމާ ރޭ 20:00 އިން ފެށިގެން ޖުމްހޫރީ މައިދާނުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ޢާންމުންނަށް ހުޅުއްވައިލައްވައިގެން ބާއްވަވާ މި ޑިސްޕްލޭގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ހަވާއެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަވާ އެރުވުމުގެ ހަރަކާތް ފެށޭނީ މާދަމާ ރޭ 20:20 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ޙަރަކާތްތަކުގެ އިތުރުން ސިފައިންނާއި ސިފައިންގެ ޢާއިލާތަކާއި އަދި ޢާންމުންނަށް ވެސް ބައިވެރިވޭގޮތަށް ތަފާތު ޙަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިންގެވުމަށްވެސް ރާއްވަވަފައިވާ ކަމަށް އެމްއެންޑިއެފުން ހާމަކުރައްވައެވެ.