މަޖިލިސް 15 ދުވަހުގެ ޗުއްޓީއަކަށް، ކޮތަޅު މައްސަލައަށް ހައްލެއް ލިބިދާނެކަމާއިމެދު ޝައްކު

މަޖިލިސް 15 ދުވަހުގެ ޗުއްޓީއަކަށް، ކޮތަޅު މައްސަލައަށް ހައްލެއް ލިބިދާނެކަމާއިމެދު ޝައްކު

Author
މުޙައްމަދު ޝަޒައިމް
20 އޭޕްރިލް 2023 12:43
0

މިފެށޭ ހަފްތާގައި މަޖިލިސް ޗުއްޓީއަކަށް ދާއިރު، ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކޮތަޅު މައްސަލައަށް އަވަސް ހައްލެއް ލިބިދާނެކަމާއިމެދު ޝައްކު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ފާސްކުރެއްވުމުން، ޕްލާސްޓިކް ކޮތަޅު ބޮނޑީގެ އަގު ބޮޑުވެގެން އުޅޭ މައްސަލަ ހައްލުވެގެންދާކަމަށް ސަރުކާރުން ހާމަކުރައްވައި ނެރުނު ބަޔާނާއި ގުޅިގެން އުޝާމް ވިދާޅުވީ ކޮތަޅުގެ މައްސަލައަށް ހައްލެއް ލިބެން އޮތީ ޤާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެންކަމަށެވެ.

ނަމަވެސް މަޖިލީހުގެ މަސައްކަތްތައް މިހާރު ރޭވިފައިވާގޮތުން އަންނަ ހަފްތާގައި 15 ދުވަހުގެ ޗުއްޓީއަކަށް ދާއިރު މިކަން މަޖިލިސް ތެރެއިން އަވަސް ގޮތަކަށް ނިމިދާނެތަން ނުފެންނަކަމަށެވެ. އުޝާމް ވިދާޅުވީ މިބިލް ޤާނޫނަކަށްވެ، ރައީސް ތަސްދީގު ކުރެއްވިތާ 4 މަސްފަހުން ޤާނޫނުގައި މައްސަލަ އުޅޭކަމަށް ފާހަގަވުމަކީ ހިތާމަހުރި ކަމެއްކަމަށެވެ. މިފަދަ ރައްޔިތުންނާއި ގުޅުންއޮތް ކަންކަމުގައި ފަރުވާ ނުބެއްޓުމަކީ އިހުމާލެއްކަމަށް އުޝާމް ވިދާޅުވިއެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނު 18 ޑިސެމްބަރު 2022 ގަ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވިއިރުވެސް އޭގެ 4 މަސްފަހުން ކޮތަޅުގެ އަގުގެ މައްސަލަ ދިމާވާނެކަން އެނގޭއިރު، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހެޅީ 27 މާޗް 2023 ގަ. މިސަރުކާރު ސްލޯކަމުގެ ވާހަކަ ދެއްކީމަ ދައްކާ މީހާ ގޯސްވާނީ. މިބިލްގެ އިބްތިދާއީ ބަހުސްވެސް އަދި ނުފެށޭ. މިފެށޭ ހަފްތާގަ މަޖިލިސް 15 ދުވަހުގެ ރިސެސްއަކަށް ދާއިރު ކައިރި މުސްތަގުބަލެއްގަ ކޮތަޅުގެ އަގުގެ މައްސަލައަށް ހައްލެއް ލިބިދާނެކަމަށް ޝައްކު.

– އުޝާމް ވިދާޅުވިއެވެ.

ކޮތަޅުން ފީ ނަގަން ފެށުމުން 25 ރުފިޔާއަށް ގަންނަން ލިބޭ 100 ކޮތަޅުގެ ބޮނޑިއެއްގެ އަގުވަނީ 225 ރުފިޔާއަށް ބޮޑުވެފައެވެ. ކޮތަޅު ބޮނޑީގެ އަގު އެހާބޮޑަށް އުފުލުނީ ޤާނޫނު އޮތްގޮތުން ކޮތަޅު ބޮނޑީގެ އަގުގެ އިތުރުން އޭގައި ހިމެނޭ ކޮންމެ ކޮތަޅަކަށް ވަކިން 2 ރުފިޔާގެ ފީއެއް ދައްކަންޖެހޭތީއެވެ.

ނަމަވެސް ސަރުކާރުން ކުނި މެނޭޖްކުރުމުގެ ޤާނޫނު އެކުލަވާލެއްވުމަށް މަޖިލީހަށް ބިލު ފޮނުއްވީ ވިޔަފާރީގެ މުއާމަލާތްތަކުގެ ބޭނުންކުރާ ވަކި ވަކި ޕްލާސްޓިކް ކޮތަޅުތަކުން ފީ ނެގުމަށެވެ. 50 ކޮތަޅަށްވުރެ ގިނައިން ހިމެނޭ ކޮތަޅު ބޮނޑިން މި ފީ ނެގުން އިސްތިސްނާކުރަން ސަރުކާރުން އޮތީ މާއްދާއެއް ހުށަހަޅުއްވާފައެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން މިކަމާއި ގުޅޭގޮތުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ކުނި މެނޭޖްކުރުމުގެ ޤާނޫނު މަޖިލީހުން ފާސްކުރެއްވީ ކޮތަޅު ބޮނޑި ގަންނަނަމަ، ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިސްތިސްނާވާނެހެން އޮތް މާއްދާ ކުނިކުރުމަށްފަހުކަމަށެވެ.

އެ މާއްދާ އުނިކުރެވިފައިވިޔަސް، އެ ބިލަކީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިންމު ބިލަކަށް ވާތީ ސަރުކާރުން ނިންމެވީ ބިލު އަނބުރާ ފޮނުވާލެއްވުމުގެ ބަދަލުގައި ތަސްދީގުކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށްކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި ފީީ ނެގުން އިސްތިސްނާވާ ތަކެތީގެ ތެރޭގައި ކޮތަޅު ބޮނޑި ހިމެނުމަށް މިދިޔަ މާޗުމަހު ތެރޭގައި ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.