އއ. ރަސްދޫގައި އިމާރާތްކުރުމަށް ނިންމާފައިވާ 50 ހައުސިން ޔުނިޓުގެ މަސައްކަތް މިމަހު އެވޯޑްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު އަމީރާ ސުވާލު ކުރައްވަމުން މެންބަރު ޝިޔާން ވިދާޅުވީ، ރަސްދޫގައި 50 ހައުސިން ޔުނިޓު އެޅުމަށްޓަކައި ޓެންޑާކޮށް ބިޑުތައް ކަނޑައަޅައި އިވެލުއޭޝަން ޕްރޮސެސް މިހާރު ނިމިފައިވާ ކަމަށެވެ. އެ މަސައްކަތް ކޮންޓްރެކްޓާ އެކު ސޮއިކުރުމާ ހަމައަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން މި މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރާ އެކު ސޮއިކުރެވޭނީ ކޮންއިރަކުންތޯ އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ރިޔާސީ ދައުރު ނިމުމުގެ ކުރިން އެކަމުގެ އަމަލީ މަސައްކަތް ފެށޭނެތޯ އާއި މި ހައުސިން ޔުނިޓުތައް ނިމި އެތަންތަނުގައި މީހުންނަށް ދިރިއުޅެން ފެށޭނީ ކިހާހިސާބަކުތޯ ސުވާލު ކުރެއްވިއެވެ.
މި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، އެ މަސައްކަތުގެ ބިޑުހުޅުވައި އިވެލުއޭޓުކޮށް ނިމި، ފަރާތަކާ މަސައްކަތް ހަވާލު ކުރުމުގެ ކުރިން މިހާރު އޮތީ ނެގޯޝިއޭޓް ކުރުމުގެ މަރުހަލާގައި ކަމަށެވެ. އެހެންކަމުން ނެގޯޝިއޭޓްގެ މަސައްކަތް ނިންމައި ފަރާތަކަށް އެ މަސައްކަތް މިމަހު އެވޯޑުކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެކުރިން މިނިސްޓަރު އަމީރު ވިދާޅުވެފައި ވަނީ، ވަރަށް ގިނަ ރަށްތަކެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާ އިރު، އެކި މަޝްރޫއުތަކުގެ މަސައްކަތް ހުރީ އެކި މަރުހަލާގައި ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގެ އަމަލީ މަސައްކަތް ކުރިއަށްދާ އިރު އަނެއްބައި ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައްވަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ ތެރެއިން "އެފްޑީސީ މެދުވެރިކޮށް ހުޅުމާލޭގައި 2000 ހައުސިން ޔުނިޓު ކޮންޓްރެކްޓަރަކާ ހަވާލުކޮށް، އިތުރު 2000 ޔުނިޓު އެހެން ކޮންޓްރެކްޓަރަކާ ހަވާލުކޮށް ޖުމްލަ 4000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށް އެބަދޭ" ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.