ކުރީގެ އެކްޓަރ އަދި މިހާރު މަޝްހޫރު ލިޔުންތެރިޔާ ޓުވިންކަލް ކަންނާ ޤަބޫލުކުރާ ގޮތުގައި ހިނިތުންވުމަކީ އެންމެ ރަނގަޅު ފަރުވާއެވެ. އަދި އޭނާގެ ޖޯކުތަކުން އޭނާގެ މަންމަ ޑިމްޕަލް އަށްވެސް ސަލާމަތް ނުވެވޭނެ ކަމަށް އޭނާ ބުނެއެވެ.
ޓުވިންކަލް އޭނާގެ އިންސްޓަގްރާމްގައި އޭނާގެ މަންމަ ޑިމްޕަލް ކަޕާޑިއާގެ ކެއްކުމާއި ބެހޭގޮތުން އިއްޔެ ސަމާސާ ކޮށްފައިވެ އެވެ. އެ ފޮޓޯގައި ފެނިގެންދަނީ ދެ މައިން އެކުގައި މޭޒުގެ ދެފަރާތުގައި އިށީނދެ ތިބޭ ތަނެވެ.
އަދި އެ ޕޯސްޓުގައި ލިޔެފައިވަނީ އޭނާ މަންމަގެ އެކްޓިންގ ދެކެ އޭނާ ލޯބިވާ ކަމަށެވެ. އަދި މަންމަ އަށް ކައްކަން އެނގޭކަމުގެ އެކްޓު ކުރާއިރުވެސް ލޯބިވާކަމަށް ބުނެފައިވެއެވެ.
މި ޕޯސްޓަށް އިންޑަސްޓްރީގެ އެތައް ބަޔަކު ލާފިން އެމޯޖީލާފައި ކޮމެންޓުކޮށްފައިވެއެވެ. އަދި ފޭނަކު ކުރި ކޮމެންޓެއްގައި އޭނާ އަށްވެސް ޑިމްޕަލްގެ އެކްޓިން ވަރަށް ކަމުދާ ކަމަށާއި އެއާރޕޯޓުން ފެނުނު ދުވަހަކުވެސް ފަހަތުން ދިޔައިން ކަމަށް ބުނެފައިވެއެވެ.
މި ފޮޓޯއަށް ފަހު ޓުވިންކަލް އިންސްޓަގްރާމްގައި ކޮށްފައިވާ ވީޑިއޯ ޕޯސްޓުން އެނގެނީ އެ ދެމައިން އެކުގައި ކުޅެފައި ވަނީ ސޫޕެއްގެ އިޝްތިހާރެއް ކަމެވެ.
1973 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުމެ މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައި ވާ ޑިމްޕަލް ކަޕާޑިއާ އެންމެ ފަހުން ފެނިގެން ދިޔައީ މިއަހަރު ރިލީޒްކުރި ފިލްމް "އަނގްރޭޒީ މީޑިއަމް" ގައި ކަރީނާގެ މަންމަގެ ރޯލުންނެވެ. އޭނާގެ، ކުރިއަށް ދެން އޮތީ ހޮލީވުޑްގެ ފިލްމު "ޓެނެޓް" އެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިން މި އެކްޓަރ ވަނީ ގިނަ އެވޯޑްތަކެއް ވެސް ހޯދާފައެވެ. އެގޮތުން ފިލްމުފެއަރ އެވޯޑް 4 ފަހަރު އަދި ނޭޝަނަލް އެވޯޑް 1 ފަހަރު އޭނާ ހޯދާފައި ވެއެވެ.
ޑިމްޕަލްގެ ފުރަތަމަ ފިލްމު " ބޮބީ" އަށްފަހު އެކްޓަރ ރާޖޭޝް ކަންނާއާއި ކައިވެނި ކުރިފަހުން އޭނާއަށް ފިލްމީދާއިރާ ދޫކޮށްލަން ޖެހުނެވެ. އަދި ދެމަފިރިންނަށް 2 އަންހެން ދަރިން ލިބުނު ފަހުން 1982 ވަނަ އަހަރު ދެމީހުން ވަކި ވުމަށްފަހު އަލުން ޑިމްޕަލް ފިލްމީ ދާއިރާއަށް ނުކުތީއެވެ.
ޑިމްޕަލް އާއި ރާޖޭޝް ކަންނާގެ ދެ ދަރިން ކަމަށްވާ ޓްވިންކަލް ކަންނާއާއި ރިންކީ ކަންނާ އަކީ ވެސް ކުރީގެ ދެ އެކްޓަރުންނެވެ. ނަމަވެސް ދެމީހުންވެސް ޒަވާޖީ ހަޔާތަށްފަހު ފިލްމު ކުޅުން ވަނީ ހުއްޓާލާފައެވެ. ޓްވިންކަލް ކައިވެނި ކުރީ މަޝްހޫރު ތަރި އަކްޝޭ ކުމާރާއެވެ.