ވެރިކަމަށް އައުމަށްޓަކައި ކޮންމެ ބަޔަކަށްވެސް ވައުދުތައް ވެވޭނެކަމަށާއި، އެގޮތުން މިސަރުކާރުންވެސް ވެރިކަމަށް އައުމަށް ރައީސްވެފައިވާ ވައުދުތައް ފުއްދޭތޯ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ތ.ވޭމަންޑޫ އާއި ތ.ކިނބިދޫ ގުޅާލާ ކޯޒްވޭ އެޅުމުގެ މަޝްރޫޢު ފާއިތުވި އެތައް އަހަރަކު ބަޖެޓުކުރެވި މިހާ ތަނަށްވެސް ފެށިފައެއް ނުވާތީ އެކަން ސާފު ކުރުމަށް އެދާއިރާގެ މެމްބަރު ރިޔާޒު ވަނީ މިއަދު މަޖިލީހުގައި އަސްލަމާއި ސުވާލު ކުރައްވާފައެވެ. ރިޔާޒު ވަނީ މިއީ ރައީސްގެ ރިޔާސީ ވައުދަކަށްވާއިރު މިދައުރުގައި މަސައްކަތް ފެށޭނެތޯ ސުވާލު ކުރައްވާފައެވެ.
ރިޔާޒުގެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ރިޔާސީ ވައުދުވެވޭނެކަމަށެވެ. އަދި އެއީ އެންމެވެސް ވާއެއްޗެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. މިސަރުކާރުން މަސައްކަތް ކުރަނީ ވެފައިވާ ރިޔާސީ ވައުދުތަކާއި، ސަރުކާރުން ކުރަން ބުނި ކަންކަން ކޮށްދެވޭތޯކަމަށް އަސްލަމް ވިދާޅުވިއެވެ.
ޓެންޑާވެސް ކުރަންޖެހޭނެ. ޓެންޑާ ޕްރޮސަސްވެސް ކުރިއަށް ގެންދަންޖެހޭނެ. ރިޔާސީ ވައުދުވެވޭނެ. އެއީ އެންމެވެސް ވާއެއްޗެއް. މަޖިލީހަށް ވަޑައިގަންނަވަންވެސް ވައުދު ވެވޭނެ. އަދި އެހެންކަމަށްވެސް ވައުދުވެވޭނެ. ދެން އެވައުދުތައް ފުއްދަން އަޅުގަނޑުމެން ނިޔަތް ގަނެގެން މިއުޅެނީ.
– އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަސައްކަތެއް ފަށާއިރު ޚާއްސަކޮށް ކޯޒްވޭއެއް ގުޅާލާއިރު ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރިކަމަށެވެ. އެކަންކަމަށް ނުބަލައި ޓެންޑާ ކުރުމެއްނެތި މަސައްކަތް ނުފަށާނެކަމަށް އަސްލަމް ވިދާޅުވިއެވެ.
އަޅުގަނޑުމެން ކުރަން މިއުޅޭކަންތައް ރިޔާސީ ވައުދެކޭ ބުނެފަ ހަމަ އެމަސައްކަތުގެ، ޚާއްސަކޮށް މިބާވަތުގެ އަޅުގަނޑުމެންގެ ނާޒުކު ތިމާވެއްޓެއް އަދި މިޒާތުގެ ތިމާވެށީގެ ކަމެއް ކުރާއިރު އޭގަހުރި މައްސަލައެއް ރަނގަޅު ނުބައި ބަލާފަ ނޫނީ ކުރުން އެއީ މޮޔަކަމަކަށް ވާނީ. ރިޔާސީ ވައުދެކޭ ބުނެފަ ދެންހަމަ ނުވެއޭ ތިއޮތީ ބުނެވިދާނެ. އެހެން ބުނެވިދާނެ ވަރަށް ބާރަށް. ތެދެއް މިހާތަނަށް އައިއިރު ނުވެ އޮތީ. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަ ދިނިން މީގަ އޮތް ކޮމްޕިލިކޭޝަންގެ ވާހަކަ.
– އަސްލަމް ވިދާޅުވިއެވެ.
މިއަދުގެ ސުވާލު ކުރުމުގެ ބައިވައި އަސްލަމް އާއި ކުރެވުނު ގިނަ ސުވާލުތަކަށް ދެއްވި ޒިންމާދާރުކަން ކުޑަ ޖަވާބުތަކާއި ގުޅިގެން ގިނަ މެމްބަރުންގެ ނުރުހުން ވަނީ އަސްލަމަށް އަމާޒުވެފައެވެ.