ކުރިއަށް އޮތް ރިޔާސީ އިންތިޚާބުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފަސޭހަ ކަމާއިއެކު ކާމިޔާބު ކުރައްވާނެ ކަމުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެެއްޖެއެވެ.
އިއްޔެ ނިމިގެންދިޔަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓް ހޯދި ތާރީހީ ކާމިޔާބަށް މަރުހަބާ ދަންނަވައި ރޮޒޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މި ވޯޓަކީ މުޅި ރާއްޖެއިން ރައީސް ޞާލިހުގެ ސިޔާސަތާއި، ތަސައްވަރު ބަލައިގެންފައިވާކަމުގެ ބޮޑު ހެއްކެއް ކަމަށެވެ. މިނަތީޖާއަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްވެސް ލިބިގެންދިޔަ ބޮޑު ހިތްވަރެއްކަމަށް އޭނާ ވިދާޅުވިއެވެ. ރޮޒޭނާ ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ޝާޒްއަށް މަރުހަބާ ދަންނަވާފައެވެ.
ގުރައިދޫ ދާއިރާގެ ގޮޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް ޝާޒްއަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން. މިވޯޓުގެ ނަތީޖާއަކީ މުޅި ރާއްޖެއިން ރައީސް ޞާލިހު ބަލައިގެންފި ކަމުގެ އަލިގަދަ ހެއްކެއް. އިރާދަ ކުރެއްވިއްޔާ ރިޔާސީ އިންތިޚާބުވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފަސޭހަ ކަމާއިއެކު ކާމިޔާބު ކުރައްވާނެ.
– ރޮޒޭނާ ވިދާޅުވިއެވެ.
ސެޕްބަރު 9 އެއްގައި ރިޔާސީ އިންތިޚާބު ބާއްވާއިރު، މިނަތީޖާއަކީ ރިޔާސީ އިންތިޚާބަށް ލިބިގެންދިޔަ ބޮޑު ހިތްވަރެއްކަމަށް އެމްޑީޕީން ދެކެއެވެ. އަދި މިއީ ސަރުކާރުގެ ސިޔާސަތު އިދިކޮޅުގެ ފިކުރު ބޮޑު ދާއިރާތަކުގެ ރައްޔިތުން ބަލައިގަންނަމުންދާ ކަމުގެ މިސާލެއްކަމަށެވެ.
އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބުކޮށްފައިވަނީ، އިދިކޮޅު ޕީޕީއެމާއި އެމްއެންޕީގެ ކެނޑިޑޭޓާ ވާދަކޮށްގެންނެވެ. ޕީޕީއެމްގެ ބާރުގަދަ ދާއިރާއެއްގެ ގޮތުގައި އޮތް ގުރައިދޫ ދާއިރާ އެމްޑީޕީއަށް ކާމިޔާބުވުމަކީ ތާރީޚީ މޮޅެއްގެގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމް.ޑީ.ޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް އިންތިޚާބު ކާމިޔާބުކުރެއްވީ 49 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. ޝާޒަށް ލިބިވަޑައިގަތީ ޖުމްލަ 1346 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ޙުސައިން ރިޟާ އާދަމަށެވެ. ރިޟާއަށް ލިބިވަޑައިގަތީ ޖުމްލަ 1226 ވޯޓެވެ. މި އިންތިޚާބުގައި އެމް.އެން.ޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ޢަލީ ޢާރިފަށް ލިބިވަޑައިގަތީ ޖުމްލަ 122 ވޯޓެވެ.
ޕީޕީއެމްގެ ދާއިރާއެއްގެ ގޮތުގައި އޮތް ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވުމާއ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރާއެކު ރައްޔިތުން ތިބިކަން ހާމަވެއްޖެކަމަށެވެ.