ކޮވިޑް ޖެހިގެން 3 ކުޑަކުއްޖަކަށް ހޮސްޕިޓަލްގައި ފަރުވާ ދެނީ

ކޮވިޑް ޖެހިގެން 3 ކުޑަކުއްޖަކަށް ހޮސްޕިޓަލްގައި ފަރުވާ ދެނީ

Author
އަޒްފާ ރަޝީދު
15 އޭޕްރިލް 2023 06:14
0

ކޮވިޑް 19އަށް ޕޮޒިޓިވްވި ތުއްތު ތިން ކުއްޖަކު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް, އެހޮސްޕިޓަލްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ވިދާޅުވީ، ކޮވިޑް ޖެހިގެން ފަރުވާ ދެމުންދާ ތިން ކުދިންގެ ތެރެއިން ދެ ކުދިންނަކީ 2 މަހުގެ ދެ ކުދިން ކަމަށާއި، ތިން ވަނަ ކުއްޖާއަކީ އެއް އަހަރުގެ ކުއްޖެއް ކަމަށެވެ. އަދި އެއް އަހަރުގެ ކުއްޖާއަށް ކޮވިޑްގެ ސަބަބުން ފިޓް ޖެހިފައިވާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ވެކްސިންގެ ސަބަބުން ވަރަށް ބޮޑަށް ރައްކާތެރިކަން ލިބިފައިވާކަން ފާހަގަކުރައްވައި ޑރ. ފައިސަލް ވިދާޅުވީ، ކޮވިޑް-19ށް ޕޮޒިޓިވްވިނަމަވެސް ވެކްސިން ޖަހާފައި ހުރުމުން ބަލީގެ ހާލަތު ސީރިއަސް ނުވާކަމަށެވެ. ކުޑަކުދިންނަށް އިޝާރާތް ކުރައްވައި ޑރ. ފައިސަލް ވިދާޅުވީ ބައެއް ކުދިން ބައްޔަށް ޕޮޒިޓިވްވުމުން އިތުރު ބަލިތަކަށްވެސް ހުށަހެޅިގެންދާކަމަށާއި، ފިޓް ޖެހުމާއި، ނިއުމޯނިޔާފަދަ ބަލިތައް ޖެހިގެން އެޑްމިޓް ކުރަންޖެހޭ ކަމަށެވެ.

އެހެންކަމުން ޑރ. ފައިސަލް ވަނީ ކުޑަކުދިން ބަލިން ރައްކާތެރިކުރުމަށް ކޮވިޑް-19ގެ ވެކްސިން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު ވަރަށް ދަށްވިއެވެ. ނަމަވެސް މާޗް މަހުގެ ފަހުކޮޅުން ފެށިގެން މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެގެން ގޮސްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި؛ އޭޕްރީލް މަހުގެ 2ން 8 ށް މާލެ ސަރަހައްދުން 73 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އެ ހަފުތާތެރޭގައި މުޅި ރާއްޖެއިން މި ބައްޔަށް 84 މީހަކު ޕޮޒިޓިވްވި ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 185،894 މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. އޭގެތެރެއިން 311 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އިތުރުވެފައިވާކަމަށްވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.