ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ސްޕޯޓިން ލިޒްބަންއާ ދެކޮޅަށް ކުޅުނު މެޗު ޔުވެންޓަސްއިން ކާމިޔާބުކޮށްފިއެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕޯޓިންގއިންނެވެ. ނަމަވެސް މިއާއެކުވެސް ޔުވެންޓަސްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއްނުވިއެވެ.
މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔަ ނަމަވެސް މިހާފްގައި ލަނޑެއް ފެއްނަ ގޮތެއްނުވިއެވެ. މިމެޗްގައި ޔުވެންޓަސްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގާދިނީ ފެޑެރީކޯ ގާޓީ އެވެ.
މިނަތީޖާއާއެކު ޔުވެންޓަސްއިން ދެވަނަ ލެގަށް ނިކުންނައިރު ކުޑަ ލީޑެއް ލިބިފައިވި ނަމަވެސް މި މެޗްގައި ސްޕޯޓިންގގެ ފަރާތުން ރަށުން ބޭރުގައި ފެނިގެންދިޔަ ކުޅުމަށްބަލާއިރު ޔޫރޮޕާ ލީގުގެ ސެމީފައިނަލްގެ ޖާގައެއް ހޯދަން ބޭނުންނަމަ ޔުވެންޓަސްއަށް އަދިވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭނެކަމަށްވަނީ ބެލެވިފައެވެ. އަދި ދެވަނަ ލެގް އަމިއްލަ ދަނޑުގައި ކުޅުމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ނަގާ ސެމީފައިނަލުން ޖާގަހޯދުމަށް ސްޕޯޓިންގއިންވެސް ވަރަށް މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ.