އައްޑޫ ފޭދު އާއި ހުޅުމީދުއާ ދޭތެރޭ އެމްޓީސީސީން ކުރާ ދަތުރުތަކުގެ ތެރެއިން މުދާ އުފުލަން ބާއްވާ ކާގޯ ޝެޑިއުލް އޮންނާނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ އާއި ބުދަ ދުވަހު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީން މިގޮތަށް ހަމަޖައްސައި އެކަން އިއުލާންކުރީ ފޭދު އާއި ހުޅުމީދުއާ ދެމެދު ކުރެވޭ އާންމު ދަތުރުތަކުގައި ބައެއް މީހުން ދަތުރުވެރިންނަށް އުނދަގޫވާ ގޮތަށް ގިނަ އަދަދެއްގެ ތަކެތި އުފުލާތީ އެވެ.
މިކަމާ ގުޅިގެން އެ ކުންފުނިން ނެރުނު ނޯޓިހެއްގައި ބުނީ ފެރީތަކުގައި ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ފަސޭހަކޮށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ ގޮތުން އާންމު ފެރީތަކުގައި ގިނަ އަދަދަކަށް މުދާ އުފުލުމަކީ ކުންފުނިން މަނާކޮށްފައި އޮންނަ އުސޫލެއް ކަމަަށެވެ.
އެގޮތުން ޕެސެންޖަ ފެރީގައި މުދާ ގެންދެވޭނީ ދަތުރުކުރާ މީހެއްގެ ހަވާލުގައި މަދު އަދަދެއްގެ ތަކެތި ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އެފަދަ ތަކެތި ވެސް ގެންދަން ވާނީ ރަނގަޅަށް ބަންދުކޮށް، އެހެން ދަތުރުވެރިންނަށް އުނދަގޫ ނުވާނެ ގޮތަށް ކަމަށް ބުންޏެވެ.
އެ ކުންފުނިން ބުނީ މިކަމާ ބެހޭ އިތުރު މައުލޫމާތު އެތަނުގެ ހޮޓްލައިން 1650 އިން ހޯދޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ