ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ 57 ވަނަ އަަހަރީ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، އެކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ކުންފުނިން ފޯރުކޮށްދެމުންދާ ޚިދުތަކަށް އިތުރު ކުރިއެރުން ގެނައުންކަމުގައި މޯލްޑިވްސް އެއަރޕޯޓުސް ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު ބައިނަލްއަގުވާމީ އެއަރޕޯޓު ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ 57 ވަނަ އަަހަރީ ދުވަހުގެ މުނާސަބަތުގައި އެމްއޭސީއެލްއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، މިހާތަނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަމުގައެވެ.
އޭގެ ތެރޭގައި، އެއަރޕޯޓުގެ އައު ރަންވޭ ތައާރަފް ކުރެވި ބޭނުންކުރަން ފެށުމާއި އަދި އޭގެ އިތުރުން އެއަރޕޯޓުގައި މިހާރު ބޭނުން ކުރަމުންދާ ނޫވިލު ސީޕްލޭން ޓަރމިނަލަކީ ފާއިތުވެދިޔަ މުއްދަތުގައި އެމްއޭސީއެލްއިން ހިންގާފައިވާ ތަރައްގީ ފާހަގަކޮށްލެވޭ މުހިންމު ޕްރޮޖެކްޓްތައް ކަމުގައި އެމްއޭސީއެލްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އޭގެ އިތުރުން، މުވައްޒަފުންގެ ހުވެފެންތަކާއި ގުޅިފައިވާ އެއަރޕޯޓު ރެސިޑެންސް އެޕާރޓްމަންޓްތައް ހައްގުވާ ފަރާތްތަކާއި ހަވާލުކޮށް، ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުރަމުންދިޔަ އުއްމީދުތައް ފުރިހަމަ ކޮށްދީފައިވާކަންވެސް އެމްއޭސީއެލްއިން ފާހަގަ ކޮށްފައި ވެއެވެ.
ހަމައެއާއެކު، އައުމާއި ފުރުމުގައި އެއަރޕޯޓުގެ ބޭނުން ކުރަމުންދާ ފަރާތްތަކަށް ލުއިފަސޭހަކަން ގާއިމްކޮށްދިނުމުގެ ގޮތުން، ޓާރމިނަލްގެ މޮޑިފިކޭޝަންވެސް މިހާރުވެ ކުރިޔަށްދާކަމަށް ވިދާޅުވަމުން އެމްއޭސީއެލްގެ ބަޔާނުގައި ވިދާޅުވެފައިވަނީ، އެއަރޕޯޓުގައި ކުރާ ވިޔަފާރީގެ މައިގަޑު ދާއިރާތަކުން މުވައްޒަފުން ތަމްރީކުރުމަށް ޚާއްސަ އިސްކަމެއްދީ، އެކި ދާއިރާތަކަށް ޚާއްސަކޮށްގެން މުވައްޒަފުންގެ ފަންނީ ގާބިލްކަން އިތުރުކޮށްފައިވާކަންވެސް އެމްއޭސީއެލްއިން ފާހަގަ ކޮށްފައި ވެއެވެ.
އެމްއޭސީއެލްގެ 57 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުންފުނީގެ އެމްޑީ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މަހުޖޫބު ޝުޖާއުވަނީ އެއަރޕޯޓުގެ މުވައްޒަފުންނަށާއި ސްޓޭކްހޯލްޑަރުންނަށް މަރުހަބާ ވިދާޅުވެ އަދި ޝުކުރު އަދާކޮށްފައެވެ.