ފެނަކައަށް ފާޑުކިޔަނީ ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ދޭތީ: ޝަރީފް

ފެނަކައަށް ފާޑުކިޔަނީ ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ދޭތީ: ޝަރީފް

ފެނަކަ ކޯޕަރޭޝަނަށް ބައެއް ފަރާތްތަކުން ފާޑު ކިޔަމުންދަނީ އެކުންފުނިން ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ފޮރުކޮށްދޭތީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ފެނަކައިން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށްފަހު 2.8 ބިލިއަނަށްވުރެ ގިނަ ރުފިޔާ އެކި ވިޔަފާރިތަކަށް ނުދޭތީ މިހަފްތާގައި ފެނަކަ ކުރިމަތީގައި ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަދި މިކަމާއި ގުޅިގެން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ.

ފެނަކައިން ކޮންޓްރެކްޓަރުން ލައްވައި މަސައްކަތް ކުރުމަށްފަހު ފައިސާ ނުދޭ މައްސަލާގައި ފަޅުކުރަމުންދާ ކަންބޮޑުވުންތަކާއި ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވީ ކޮންމެ ކުންފުންޏަކީވެސް ވިޔަފާރީގެ އުސޫލުން މަސައްކަތް ކުރާނެ ކުންފުންޏެއް ކަމަށެވެ. ދައްކަން ޖެހޭބިލްތައް ދައްކައި، އަދި ނުދެއްކިވެސް ބިލްތައް ހުންނާނެކަމަށެވެ. ނަމަވެސް މިހާރު ފެނަކައާއި ދިމާކޮށްލައިގެން އުޅެނީ އެކުންފުނިން ރައްޔިތުން އެދޭފަދަ ޚިދުމަތެއް ދޭތީކަމަށް ޝަރީފް ވިދާޅުވިއެވެ.

ފެނަކައިން ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށް ދޭތީ އިދިކޮޅުން އެކޮމްޕެނީ ހަލާކުކޮށް ލެވޭތޯ އުޅެނީ. ވިޔަފާރި އުސޫލުން އަބަދުވެސް މަސައްކަތް ކުރާނީ ކޮމްޕެނީއެއް ވިއްޔާ. ދައްކަން ކިތަންމެ ބިލެއްވެސް ހުންނާނެ. ދައްކަމުންވެސް ދާން. އެއީ އެކަން ހިނގާގޮތަކީ.

– ޝަރީފް ވިދާޅުވިއެވެ.

ފެނަކައިގެ މަސައްކަތަށް ބޭނުންވާ ތަކެތި ސަޕްލައިކުރާ މީހުންނަށް ފައިސާ ނުދީގެން މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. ދާދި ފަހުން އެސްޓީއޯގެ އެމްޑީ ކަމުން ވަކިކުރި ހުސެއިން އަމްރުވެސް ވަނީ ފެނަކައިގެން ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެފައި ވާކަން ފާހަގަ ކޮށްފައެވެ. ހަމައެއާއެކު ތެޔޮ ގަތުމަށްފަހު ފެނަކައިން އެސްޓީއޯ އަށް ދައްކަން ޖެހި ނުދައްކާ އޮތް ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ފެނަކައިން އެތައް ބަޔަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ފެންމަތިވެފައިވާއިރު، މިހާތަނަށް އެ ކުންފުނިން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ. އަދި މިއަދުގެ ކުރަމުންދާ މުޒާހަރާ އާ ގުޅިގެންވެސް އެއްވެސް އެއްޗެެއް ބުނެފައެއް ނުވެއެވެ. އެކުންފުނީގެ މަސައްކަތްތައް ކޮށްފައިވާ އެތައް އަމިއްލަ ކުންފުނިތަކަކަށް ފައިސާ ނުދީގެން ވެސް ގިނަ ބަޔަކު ޝަކުވާ ކުރަމުންދާއިރު، މިމައްސަލައިގައި ފެނަކައިން މިހާތަނަށް ވާހަކަ ދައްކާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *