ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގައި ހަރަކާތްތެރިވާނެ 80 ޓްރެއިނަރުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފިއެވެ.
އެ ކޮމިޝަނުން ބުނީ އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް ޖުލައި 15 އިން ޖުލައި 21 އަށް ޓްރެއިނިން އޮފް ޓްރެއިނާސް (ޓީއޯޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ޓްރެއިނަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ކުރިއަށްގެންދާ ޓީއޯޓީގެ އެންމެހައި ޚަރަދުތައް ހަމަޖައްސާނީ އެ ކޮމިޝަނުން ކަމަށް ކަމަށް ވެސް ވަނީ ބުނެފައެވެ.
އޮފިޝަލުން ތަމްރީނުކުރުމުގައި މާލޭގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 700 ރުފިޔާ، އަތޮޅުތަކުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 900 ރުފިޔާ ދިނުމަށް އީސީން ވަނީ ނިންމާފައެވެ. އަދި ޓީއޯޓީ ޕްރޮގްރާމު ފުރިހަމަކޮށް، އޮފިޝަލް ޓްރެއިނިން ދީ ނިމުމުން 1400 ރުފިޔާ ދެވޭނެ ކަމަށް ވެސް އީސީން ބުންޏެވެ.
އީސީން ބުނެފައިވާ ގޮތުގައި އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް އަތޮޅުތެރެއާއި މާލޭގައި ކުރިއަށްދާނީ ދެ މުއްދަކަށެވެ. އެގޮތުން މާލޭގައި 19 އޮގަސްޓުން ފެށިގެން ސެޕްޓެމްބަރު 5 އަށް ތަމްރީނު ކުރިއަށްދާއިރު އަތޮޅު ތެރޭގައި ތަމްރީނުތައް ކުރިއަށްދާނީ 19 އޮގަސްޓުން 31 އޮގަސްޓަށް ކަމަށް ވަނީ ބުނެފައެވެ.
އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މޭ މަހުގެ 10 ވާ ބުދަ ދުވަހުގެ 15:00 އެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާނީ [email protected] އަށް އީމެއިލް ކޮށްގެންނެވެ. އީސީ އިން ބުނީ ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، އުގަންނައި ދިނުމުގެ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުގެ ކަންކަން ކުރުމަށް، 8000 އޮފިޝަލުން ނަގަން ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ރާއްޖޭގެ އެކި ސަރަހައްދުތަކާއި ދިވެހިން ދިރިއުޅޭ ބޭރު ގައުމުތައް ހިމެނޭ ގޮތުން ޖުމްލަ 800 ވޯޓު ފޮށި ބަހައްޓޭނެއެވެ.
އީސީން ތާވަލު ކޮށްފައިވާގޮތުގައި މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ގައެވެ.