ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ އިލެކްޝަންސްއިން ހުއްދަދީފައިވާ ޕާޓީތަކަށް ދޫކޮށްދޭން އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިފި އެވެ.
މި އަހަރު ފައިސާ ދޫކުރަން ޝަރުތުހަމަވި 5 ޕާޓީގެ ތެރޭގައި އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އަދި އަދާލަތު ޕާޓީ ހިމެނެއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްގައިވާ ގޮތުގައި އެމްއެންޕީ އަށް ފައިސާ ދޫކުރަން އެދިފައި ނުވަނީ އެ ޕާޓީން ހުށަހެޅި މުހިއްމު ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ ކަމަށް ބުނެފައިވެއެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރު ވެސް އެންމެ ބޮޑު ބަޖެޓެއް ލިބެނީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީ އަށް 14.2 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ އިރު ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޕީޕީއެމަށް 9.5 މިލިއަން ރުފިޔާ ލިބޭނެ އެވެ. ޖުމްހޫރީ ޕާޓީ އަށް 5.6 މިލިއަން ރުފިޔާ ލިބޭ އިރު، އެމްޑީއޭ އަށް ލިބޭނީ 2.5 މިލިއަން ރުފިޔާ އެވެ. އަދި އަދާލަތަށް 2.4 މިލިއަން ރުފިޔާ ލިބޭނެ އެވެ.
ސިޔާސީ ޕާޓީތައް ހިންގުމަށް، މިއަހަރުގެ ދަޢުލަތުގެ ބަޖެޓުން 36 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައެޅި އެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުގެ 0.01 ޕަސެންޓް ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހެ އެވެ. އެ ނިސްބަތުން ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.
ކޮމެންޓު ފޮނުވާ