ފިތުރު އީދު ޗުއްޓީން އެއް ދުވަސް މަދުކޮށްފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދަނީ ރަނގަޅު ޚަބަރެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކެޑެމިކް ކަލަންޑަރަށް ބަދަލެއް ނެގެސްފައެވެ. އެ ބަދަލާއި އެކު އޭޕްރިލް 24 ގައި ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އެއާއި އެކު މިނިސްޓްރީން ޢީދު ޗުއްޓީން އެއްދުވަސް އުނިކޮށްފައިވާ ކަމަށް މީސްމީޑިއާ އާއި މީޑިއާގެ ބައެއް އައުޓްލެޓްތަކުގައި ވަނީ ބުނެފައެވެ.
އެހެންނަމަވެސް އެ މިނިސްޓްރީން ބުނީ އެކެޑެމިކް ކަލަންޑަރުގައި މީގެ ކުރިން އޮތް ގޮތުން އީދު ބަންދާ ގުޅިގެން މި މަހު 23 އާއި 24 ވެސް ސްކޫލް ބަންދުކަމަށް އެކަޑެމިކް ކަލަންޑަރގައި ހިމެނިފައި ވަނީ ކުށަކުން ކަމަށެވެ. އިސްލާހުކޮށްފައިވާ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން ޢީދު ދުވަހަކީ 21 އޭޕްރިލްއެވެ. ބަންދުވަނީ 23 ވާ އާދީއްތަ ދުވަހެވެ. އަދި 24ވާ ހޯމަ ދުވަހު ސްކޫލްތައް އަލުން ހުޅުވޭނެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި ރާއްޖޭގައި ފިތުރު ޢީދުގެ ބަންދުގެ ގޮތުގައި އާއްމުކޮށް ލިބެނީ 3 ދުވަސް ކަމުން، 23 އޭޕްރިލް ވާ އާދިއްތަ ދުވަހަށް ޗުއްޓީ ނިމެއެވެ.
އެކެޑެމިކް ކަލަންޑަރުން ދައްކާ ގޮތުގައި މި މަހުގެ 16 އިން 20 ވަނަ ދުވަހަށް މިޑްޓާމަށް ސްކޫލްތައް ބަންދުވާނެއެވެ. އަދި އެއަށްފަހު ސްކޫލް ހުޅުވޭނީ ފިތުރު އީދު ބަންދަށް ފަހުގައެވެ.
ކޮމެންޓު ފޮނުވާ