1953 އިން ފެށިގެން ލިބިފައިވާ އަނިޔާ ބެލޭގޮތަށް މަޖިލީހުން ފާސްކޮށްފި

1953 އިން ފެށިގެން ލިބިފައިވާ އަނިޔާ ބެލޭގޮތަށް މަޖިލީހުން ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
29 ނޮވެމްބަރ 2020 01:55
0

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަހުން ފެށިގެން، ހިންގާފައިވާ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު މައްސަލަތައް ބެލޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށައަޅުއްވާފައިވާ އިންތިޤާލީ އަދާލަތުގެ ބިލަށް ކޮމިޓީން ގެނައި މިބަދަލާއެކު މަޖިލީހުގެ ތަޅުމުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އިއްތިފާގުންންނެވެ.

މަޖިލީހުން މިބިލް ފާސްކޮށްފައިވަނީ ތަޅުމުގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ހުށައެޅުއްވި 3 އިޞްލާހާއެކުއެވެ.

މަޖިލީހުން ފާސްކުރި އިންތިގާލީ އިންސާފުގެ ބިލުގައި ވަނީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު އަހަރު 1953 އިން ފެށިގެން، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލުމަށް ހިމަނާފައެވެ.

އެބިލު މަޖިލީހަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

އިންތިގާލީ އިންސާފުގެ ބިލު ފުރަތަމަ ހުށައެޅީ 2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމަށް އިންސާފު ހޯދައި ދިނުމަށް ބިލުގައި ހިމަނައިގެންނެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ގިނަ އިޞްލާހުތަކެއް ގެނެސް މިހާރު ކޮމިޓީން ނިންމާފައިވަނީ 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެ ގޮތަށެވެ.

މަޖިލީހުގެ ޖެންޑާ ކޮމެޓީއާއި، ޖުޑިޝަރީ ކޮމިޓީއިން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން ފާސްކުރި ރިޕޯޓުގައި ވަނީ، 1953 ވަނަ އަހަރުން ފެށިގެން ހިންގާފައިވާ މައްސަލަތައް ބެލޭނެގޮތަށް ބިލަށް އިޞްލާހު ގެނައީ އިންތިގާލީ އިންސާފަކީ ރާއްޖޭގައި އަލަށް ތައާރަފުކުރެވޭ ނިޒާމަކަށް ވެފައި، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަހުން ފެށިގެން، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ލިބިގަތުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުންކަމަށެވެ.

މީގެ އިތުރުން އެބިލުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ގާއިމުކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. އޮމްބަޑްސްމަން އޮފީސް" އެކުލެވިގެން ދާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 3 ބޭފުޅުންގެ މައްޗަށެވެ. އަނިޔާލިބިފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުޤީޤުކޮށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވުމުގެ ބާރުވެސް މިއޮފީހަށް ބިލްގައި ދީފައިވެއެވެ. ކުރިން ބަލައި ނިމިފައިވާ މައްސަލަތަކުގެ ތެރެއިން އިންސާފު ނުލިބިވާ މައްސަލައަކާ ގުޅިގެން އައު ހެއްކެއް ފެނިއްޖެނަމަ އެމައްސަލައެއް އަލުން ބަލައި ތަޙުޤީގު ކުރުމުގެ ބާރުވެސް މިޤާނޫނުގެ ދަށުން "އޮމްބަޑްސްމަން" އޮފީހަށް ލިބިގެންދާނެއެވެ.

މިބިލުގެ ދަށުން ބަދަލު ނަގައި ދިނުމުގެ ބާރުވެސް "އޮމްބަޑްސްމަން" އޮފީހަށް ލިބިގެންދެއެވެ. އެގޮތުން ލިބުނު އަނިޔާއެއްގެ ސަބަބުން މާލީ ބަދަލު ނަގައިދިނުމާއި، މާލީ ނޫންގަތަށް މީހާއަށް އާމާޒުކޮށް ދެވޭ އަނިޔާގެ ބަދަލު ނެގުމުގެ ބާރުވެސް މި އޮފީހަށް ލިބިފައިވއެވެ. މިބިލުގެ ދަށުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދައުވާ އުފުލަންޖެހޭ ފަރާތްތަކާއި ދޭތެރޭ ދައުވާ އުފުލުމުގެ ބާރުވެސް ޤާނޫނުން އޮމްބަޑްސްމަން އޮފީހަށް ލިބިދޭނެއެވެ.

ރާއްޖޭގައި އަދުލުވެރިކަމާއި އިންސާފު ޤާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ޚާއްސަކޮށް ނިމިދިޔަ 5 އަހަރުގައި ނުހައްގުން އަނިޔާލިބި އިންސާފު ލިބިފައި ނުވާ ފަރާތްތަކަށް އިންސާފު ޤާއިމްކޮށްދެއްވާނެކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.