އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޔުނައިޓެޑުން ފުރަތަމަ ހާފު ނިންމާލީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ސްކޮޓްލެންޑްގެ މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑުން ޖުމްލަ އެކު، 21 ޝޮޓް ފޮނުވާލިއިރު، މިއީ 2003-2004 ވަނަ އަހަރުގެ ސީޒަނަށް ފަހު ލީގު މެޗެއްގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން އެންމެ ގިނަ އެޓޭކް ފެނިގެންދިޔަ މެޗެވެ.
މެޗުގެ 71 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުފުޅާކޮށްދިން ގޯލު ޖެހީ އެންތަނީ މާޝިއަލްއެވެ. މިއީ އެވަޓަންގެ ޑިފެންޑަރު، ސީމަސް ކޯލްމަން ހެދި ގޯހެއްގެ ފައިދާނަގައި މާކަސް ރަޝްފޯޑް ދިން ބޯޅައަކުން މާޝިއަލް ޖެހި ގޯލެކެވެ. މިއީ ޑިސެމްބަރުގެ ފަހުން މާޝިއަލްގެ ފުރަތަމަ ގޯލެވެ. އަނެއްކޮޅުން މި މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ ރަޝްފޯޑަށް އަނިޔާވެގެން ވަނީ ބަދަލުކުރަން ޖެހިފައެވެ.
ލީގު ތާވަަލަށް ބަލާއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ ފަހަތުން އަރައި، 2-1 އިން ބްރެންޓްފޯޑް ބަލިކޮށް 29 މެޗުން 56 ޕޮއިންޓް ހޯދައި، ތިން ވަނަ ދަމަހައްޓައިފައެވެ. ހަތަރެއްގައި އޮތް ޔުނައިޓެޑަށް ވެސް ވަނީ 29 މެޗުން 56 ޕޮއިންޓް ލިބިފައެވެ. އެކަމަކު، ލަނޑުގެ ތަފާތުން ކުރި ލިބެނީ ނިއުކާސަލް އަށެވެ.