އެސްޓީއޯއިން އެމްއޭސީއެލަށް ތެޔޮ ވިއްކާ ރޭޓު ބޮޑުކޮށް، އެއްބަސްވުން އާކޮށްފިއެވެ.
އަގު ބޮޑުކޮށްފައި ވަނީ ވިލާތުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ވެސް ތެލުގެ އަގު އުފުލިފައި ވާތީ ކަމަށް އެސްޓީއޯއިން ބުނެއެވެ. ތެޔޮ ވިއްކާ އަގަށް ބަދަލު ގެނައީ، އެމްއޭސީއެލަށް ތެޔޮ ފޯރުކޮށްދިނުމަށް ދެ ކުންފުނީގެ މެދުގައި ވެފައިވާ އެއްބަސްވުން އާ ކުރިއިރު އެވެ. އެހެން ނަމަވެސް އަގު ބޮޑުވީ ކިހައި މިންވަރެއް ކަމެއް އެސްޓީއޯ އަދި އެމްއޭސީއެލްއިން ވެސް ހާމައެއް ނުކުރެއެވެ.
އެސްޓީއޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އައު މެނޭޖިން ޑިރެކްޓަރު ސައީދެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއުއެވެ.
އެއްބަސްވުން އައު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުސައީދު ވިދާޅުވީ ރަޝިޔާ، ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި މިދިޔަ އަހަރުން ފެށިގެން ތެލުގެ އަގު އުފުލިފައިވާކަމަށެއެވެ. އެހެންވުމުގެ ސަބަބުން އެއްބަސްވުން އައު ކުރީ، ތެލުގެ ބާޒާރުގައި އަގަށް އައިސްފައިވާ ބަދަލުގެ ސަބަބުން، ތެޔޮ ފޯރުކޮށްދޭ ރޭޓުތަކަށް ބަދަލު ގެނައުމަށް ފަހު ކަމަށް ސަޢީދު ވިދާޅުވިއެވެ. އެގޮތުން ކުރިން އެމްއޭސީއެލަށް ތެޔޮ ފޯރުކޮށްދިން އަގަށްވުރެ މިފަހަރުގެ އަގު ބޮޑުކަން ސަޢީދު ފާހަގަކުރެއްވި ނަމަވެސް އަގަށް ގެނައި ބަދަލެއް ހާމަކުރައްވާފައެއް ނުވެއެވެ. އެސްޓީއޯގެ އެމްޑީ ވިދާޅުވީ އެކުންފުނިން ތެޔޮ ގަތުމުން، އެމްއޭސީއެލްގެ ފިއުލް ސްޓޯރޭޖްގެ ކެޕޭސިޓީއާ އެއްވަރަށް އަބަދުވެސް ތެޔޮ ފޯރުކޮށްދެވޭނެ ކަމަށެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެސް.ޓީ.އޯ.އިން ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ސޮއިކޮށްފައިވެއެވެ. އެ މުއްދަތު މިހާރު ހަމަވުމާއި ގުޅިގެން، އަލަށް އެކުލަވާލި އެއްބަސްވުމުގެ ދަށުން 2024 ވަނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށްއެސްޓީއޯއިން އެމްއޭސީއެލަށް ތެޔޮ ފޯރުކޮށްދޭނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެމްއޭސީއެލަށް އެއް އަހަރު ތެރޭ 1.5 މިލިއަން ފީފާގެ ޖެޓް ފިއުލް އާއި 88،000 ފީފާގެ ޑީސަލް އެސްޓީއޯ އިން ފޯރުކޮށްދޭނެއެވެ.
މިއީ ސައީދު އެސްޓީއޯ ހިންގެވުމާ ހަވާލުވެވެވަޑައިގެންނެވި ފަހުން، ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމެވެ.