ތައިލެންޑުގައި ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ވަގަށް ބޭރުކުރަން އުޅުނު ދިވެއްސަކު އެ ގައުމުން ހައްޔަރުކޮށްފިއެވެ.
ތައިލެންޑުގެ ސުވަރްނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓުން އެ މީހާ ހައްޔަރުކުރީ އަންގާރަ ދުވަހުއެވެ. އެ ގައުމުގެ ބައެއް ނޫސްތަކުގައި ވާ ގޮތުން، ދިވެއްސަކު އިއްޔެ ހައްޔަރުކުރީ ބެންކޮކް އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އަންނަން ވެގެން އެ ގައުމުގެ މައި އެއާޕޯޓް، ސުވަރްނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓައެވެ. އޭނާގެ ލަގެޖުން ފެނުނީ ތައިލެންޑުގައި ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތި ކަމަށް ކަމާބެހޭ އިދާރާތަކާ ހަވާލާދީ ނޫސްތަކުގައި ވެއެވެ.
ތައިލެންޑުން ވަގަށް ބޭރުކުރަން އުޅުނު ދޫނިތަކުގެ ތެރޭގައި ބްލެކް ހޯކް އާއި ބެއާޑް އީގަލް އައުލްގެ އިތުރުން ބަފީ ފިޝް އައުލް ހިމެނެއެވެ. ބޭރުކުރަން އުޅުނު ދޫނިތަކުގެ އަގު އެއް ލައްކަ ބާތު، ގާތްގަނޑަކަށް 45،126 ރުފިޔާއަށް އަރައެވެ.
އެ މީހާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސުވަރުނަބޫމީ އެއާޕޯޓް ޕޮލިސްއަށް ޑީއެންޕީން ހެކި ހުށަހަޅާފައިވާ ކަމަށް ބުންޏެވެ. އޭނާގެ ލަޖެގުން ފެނުނު ދޫނިތައް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ތައިލެންޑްގެ މީޑިއާތަކުން ބުންޏެވެ.
ތައިލެންޑުން މަނާ ދިރޭ ތަކެތި ބޭރުކުރަން އުޅުނު ދިވެހިންގެ ބަޔަކު މިދިޔަ މަހުވެސް ހައްޔަރުކޮށްފައިވެއެވެ. އެމީހުން ހައްޔަރުކުރީ ވިހަ ބޮއްތަކަކާއި ވިހަ ފައިދިގުމަކުނުތަކެއްގެ އިތުރުން ދޫނި ބިސްތަކެއް ބޭރުކުރަން އުޅެނިކޮށެވެ.