ވާލްޑް ބޭންކުން ރާއްޖޭގެ އިގުތިސާދީ ދުވެލީގެ އަންދާޒާ ކުރިއަށްވުރެ ދަށްވާނެކަމަށް ލަފާކޮށްފައިވަނީ، 2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރި މިންވަރު ކުރިން ވާލްޑް ބޭންކުން އަންދާޒާކުރި މިންވަރަށްވުރެ މަތިވެފައިވާތީ، ހިސާބުކުރުމުގައި އަންނަ ބޭސް އިފެކްޓް އާ ގުޅިގެން ކަމަށް ފިނޭންސް މިނިސްޓަރ އިބުރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވެ، ޤައުމުގެ މާލީ ޙާލަތު އޮތީ ނުރައްކަލުގައިކަމަށް ވޯލްޑް ބޭންކުން ބުނެފައި ވަނިކޮށް އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ 2022 ވަނަ އަހަރާ އަޅާބަލާއިރު 21.5 އިންސައްތަ އިތުރުވެފައި ކަމަށާއި، އެހެންކަމުން ލަފާކުރެވެނީ މި އަހަރު ރެކޯޑު މިންވަރަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށެވެ. އެގޮތުން އިގުތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާތަކަށްވުރެ މަތިވާނެކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި ހުރި ދަނޑިވަޅަކަށްވީނަމަވެސް، ރާއްޖެއަށް މިކަމުގެ އަސަރު ކުރަމުންދާ މިންވަރު އަވައްޓެރި ގިނަ ގައުމުތަކާ އަޅާބަލާއިރު ކުޑަ ކަމަށާއި، ރާއްޖޭގައި އިންފްލޭޝަން މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެޔޮ، ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ ކަމުގައެވެ. އަދި ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަ ވަނީ ބޮޑުތަނުން އިތުރުވެފައިވާ ކަމަށްވެސް އަމީރު ވިދާޅުވެފައި ވެއެވެ.
ކޮވިޑް ގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދާނީ ދަށަށް. މިކަން ހާސިލުކުރަން ސިޔާސަތުތަކަށް ބަދަލުގެންނާނީ ރައްޔިތުންނަށް އެކަންކަމުގެ އަސަރު އެންމެ ކުޑަ ވާނެގޮތަށް. (6/6)
— Ibrahim Ameer (@iameeru) April 5, 2023
އަމީރު ކުރެއްވި ޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ، ކޮވިޑްގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދާނީ ދަށަށް ކަމުގައެވެ. މިކަން ހާސިލުކުރަން ސިޔާސަތުތަކަށް ބަދަލުގެންނާނީ ރައްޔިތުންނަށް އެކަންކަމުގެ އަސަރު އެންމެ ކުޑަ ވާނެގޮތަށްކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ވާރލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ މާލީ ހިސާބުކިތާބުގެ އެންމެ ފަހުގެ އަދަދުގައި ރާއްޖެއާބެހޭގޮތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާލާއިރު، އިޤްތިޞާދީ ދަތި ދުވަސްވަރެއްގައި ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާން ފަށާފައިވާކަމާއި އެކަންކަން އެކި މަރުޙަލާތަކުގައި ވުމަކީ ވިސްނާލަންޖެހޭ ކަމެއްކަމުގައި ފާހަގަކޮށްފައިވެއެވެ.
ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކީ އެއިން ސީދާ ޢާމްދަނީއެއް ނުލިބޭނެ ކަންކަންކަމުގައިވެސް މި އަދަދުގައި ބުނެފައި ވެއެވެ. އެހެންނަމަވެސް ދުރު މުސްތަޤުބަލުގައި އޭގެ ސަބަބުން ބައެއް އިޤްތިޞާދީ ދާއިރާތަކަށް ހެޔޮ އަސަރުކޮށް އޭގެ މަންފާ މާލިއްޔަތަށ ކޮށްފާނެެކަންވެސް ފާހަގަ ކޮށްފައި ވެއެވެ. ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ޙާލަށް ބަލާއިރު، މިއީ ނުރައްކަލެއްކަމަށް އިޤްތިޞާދީ މާހިރުންވެސް ބުނެއެވެ.