އާރްޓީއެލް ބަހަށް ޕީކް ގަޑިތަކުގައި އޮންނަ ޑިމާންޑް އިތުރުވުމާއި އެކު ހުޅުމާލޭގެ 3 ރޫޓަކުން ސްކޫލް ކުދިންނަށް ޚާއްސަ ބަސް ދަތުރުތަކެއް އެމްޓީސީސީއިން ހަމަޖައްސައިފިއެވެ.
މިގޮތަށް ބަހުގެ ޙިދުމަތް ދެވޭނީ ރަމަޟާން މަހުގެ ނިޔަލަށްކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. އެމްޓީސީސީން ބުނީ މިގޮތަށް ހަމަޖައްސާފައިވަނީ ރަމަޟާންމަހު ކުދިންނާއި ބެލެނިވެރިން ގިނަ ވަގުތު ބަހަށް މަޑުކުރަން ނުޖެހި ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ރޫޓް-7 އަދި ރޫޓް-8 ގައި ހެނދުނު 08:05 ގައި ނައްޓާލާ ބަހެއް އޮންނާނެކަމަށާއި މި ބަސް ހެނދުނު 07:50 އިން ފެށިގެން، ހުޅުމާލެ ހިޔާ ފްލެޓް ސަރަޙައްދުގެ ބަސް ސްޓޮޕް 1 ގައި އޮންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި ބަހުގައި ކޮންމެ ކުއްޖަކާއެކު 1 ބެލެނިވެރިއަކަށް ދަތުރުކުރެވޭނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން ރޫޓް 6ގައިވެސް ސްކޫލް ކުދިންނަށް ޚާއްސަ ބަސްތަކެއް އޮންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މިއީ ހުޅުމާލެ ފޭސް 2 އިން، ފޭސް 1 އަށް ދަތުރުކުރާ ބަހެކެވެ. މިބަސް ދަތުރުކުރާނީ ފޭސް 2 އިން ހުޅުމާލެ ފޭސް 1ގެ ސިންތެޓިކް ޓްރެކް ސްޓޮޕާއި، އަމީން އެވެނިއު ސްޓޮޕާ، 120ވަނަ ފްލެޓް ކައިރި ބަސް ސްޓޮޕަށް އެކަނި ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650އަށް ގުޅުމުން މަޢުލޫމާތު ސާފްކުރެވޭނެއެވެ.