މިހާރު އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނަ އިލެކްޝަންސް ކޮމިޝަނުން 17361 ރުފިޔާގެ އަގުހުރި ޑްރޯންއެއް ގަނެފިއެވެ.
މިކަން ހާމަވީ އެކޮމިޝަނުން އާންމުކޮށްފައިވާ މިދިޔަ މަހުގެ އެކޮމިޝަނުގެ ޕްރޮކިއުމަންޓުތަކުގެ މަޢުލޫމާތަކުންނެވެ. ޑްރޯނެއް ގަންނަން މިދިޔަ މަހު އެއިދާރާ އިން 17361 ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ޑްރޯންއެއް ބޭނުންވަނީ ކީއްކުރަން ކޮން މަޤުސަދެއްގައިކަމެއް ސާފެއް ނުވެއެވެ. އަދި ޕްރޮކިއުމަންޓު ހިސާބުތަކުންވެސް އެކަމެއް ސާފެއް ނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން މިފަހުން ބޭއްވި އެއްވެސް ނޫންވެރިންގެ ބައްދަލުވުމަކުންވެސް އެކަމެއް ސާފެއް ނުވެއެވެ. އަދި އެފަދަ އެއްޗެއް ބޭނުންވާކަމުގެ އިޝާރާތެއްވެސް އެކޮމިޝަނުން ކުރައްވާފައެއް ނުވެއެވެ. ޑްރޯން އަނީ ޢާންމުކޮށް މަތިން ފޮޓޯ އާއި ވީޑިއޯ ނެގުމަށް ބޭނުންކުރާ އެއްޗެކެވެ. އެފަދަ ކަމަކުން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ފުރިހަމަ ކުރަންޖެހޭ މުއައްސަސާތަކުން ޑްރޯން ބޭނުންކޮށްގެން މަސައްކަތް ކުރެއެވެ.
އަންނަ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު، ރިޔާސީ އިންތިޚާބަށް 90 މިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. މިއީ އިންތިޚާބު ދެ ބުރަކަށް ބާއްވަން ޖެހިއްޖެނަމަ ކުރަންޖެހޭ ކަންކަކަން ކުރުމަށް ދަތި ޢަދަދެއްކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ