ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބޭއްވުމާއި ގުޅޭގޮތުން ދާދިފަހުން ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ބޭއްވުމަށް ހަމަޖެހިގައިވާ ފުރަތަމަ ބައި އިލެކްޝަންތައް މިއަހަރުގެ ޖޫންމަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިލާނެއްގައި ބުނެފައިވަނީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 6-56 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް 2023 ޖޫން 17 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމުގައެވެ.
ބައި އިލެކްޝަން ބޭއްވުމަށް ހަޖެހިފައިވާ ރަށްތަކަކީ، ހދ. ފިނޭ، ށ.މާއުނގޫދޫ، ރ.މީދޫ، ކ.ދިއްފުށި، މ. ވޭވަށް، ފ. ބިލެތްދޫ، ތ. ގާދިއްފުށި، ލ. މާމެންދޫ، ގދ. ހޯނޑެއްދޫ އަދި ގދ. ވާދު އެވެ. މިއިން ކޮންމެ ރަށަކުން ވެސް އަންހެނުންގެ ކޮމެޓީއަށް އެކަކު އިންތިހާބު ކުރާނެ އެވެ.
މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023 އެޕްރީލު 03 ވާ ހޯމަ ދުވަހުގެ 09:30 ން ފެށިގެން، 2023 އެޕްރީލު 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.
ލާމަރުކަޒީ ގާނޫނު ކުރިން އޮތް ގޮތުން އަންހެނުންގެ ކޮމިޓީގެ މެމްބަރަކު އިސްތިއުފާދީފިނަމަ ނުވަތަ ގޮނޑި ހުސްވެއްޖެނަމަ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ. އެހެންނަމަވެސް މިއުސޫލުން އަމަލުކުރުމުން ބާއްވަންޖެހޭ ބައި-އިލެކްޝަންތައް ގިނަވެ، ޚަރަދު ބޮޑުވުމާއި ގުޅިގެން އީސީގެ އެދުމަށް މަޖިލީހުންވަނީ ގާނޫނަށް އިސްލަހު ގެނެސްދީފައެވެ. އެއިސްލާހުގައި ވާގޮތުން އަންހެނުންގެ ކޮމިޓީތަކުން ހުސްވާ ގޮޑިތަކުގެ ބައި-އިލެކްޝަން ދެން ބާއްވަން ޖެހޭނީ އަހަރަކު އެއް ފަހަރުއެވެ.
ގާނޫނުގައި ކުރިން އޮތްގޮތަށް އިންތިޚާބު ބާއްވަން ޖެހޭނީ ކޮމިޓީގައި ކޯރަމް ހަމަނުވާ އަދަދަށް މެމްބަރުންގެ އަދަދު ދަށްވެއްނަމަ އެކަންޏެވެ.