ޗައިނާ އެމްބަސީގައި "އިންޑިޔާ އައުޓް" ޖަހަން 10،000 ރުފިޔާ ހުށަހަޅައިފި

ޗައިނާ އެމްބަސީގައި "އިންޑިޔާ އައުޓް" ޖަހަން 10،000 ރުފިޔާ ހުށަހަޅައިފި

Author
މުޙައްމަދު ޝަޒައިމް
01 އޭޕްރިލް 2023 04:16
0

މާލޭގައި ހުންނަ ޗައިނާ އެމްބަސީގެ ފާރުގައި "އިންޑިއާ އައުޓު" ޖެހުމަށް 10,000 ރުފިޔާ ހުށަހެޅި ކަމަށް އެކަން ކުރަން ހުރި މީހާ ބުނެފިއެވެ.

ޗައިނާ އެމްބަސީގެ ފާރުގައި، "އިންޑިޔާ އައުޓް" ޖަހައި ސްޕްރޭކޮށްފިނަމަ 10،000 ރުފިޔާ ދޭން ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހުގައި ހުކުރު ދުވަހު ބުނީ، ށ. ފޭދޫ މިނިވަން އައްސޭރި މުހައްމަދު އަނިލް ކިޔާ މީހެކެވެ. މީނާ ކޯޓަށް ހާޒިރުކޮށްފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމާށެވެ.

އޭނާ ބުނީ އެކަން ކުރީ މުޒާހަރާއެއްގެ ތެރެއިން "މުހައްމަދު" ނަމަކަށް ކިޔާ މީހަކު އޭނާއަށް ފައިސާ ހުށަހެޅުމުން ކަމަށެވެ. އެގޮތުން މުޒާހަރާގެ ތެރެއިން ދިމާވި މުހައްމަދު އޭނާގެ އަތަށް ސްޕްރޭފުޅި އަކާއި ގަނޑުކޮޅެއް ދިނުމަށްފަހު, އޭގައިވާ ލިޔުންކޮޅު އޭނާ ބުނާ ފާރަކަށް ސްޕްރޭކޮށްދީފި ނަމަ 10,000 ރުފިޔާ ދޭނެ ކަމަށް ބުނި ކަމަށެވެ.

ފައިސާގެ ބޭނުމުގައި އޭނާ އެކަން ކުރަން ހުއްޓައި ފުލުހުން ހައްޔަރުކުރީ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ހަވާލުކުރި މަސައްކަތް އެއްކޮށް ނިންމާނުލެވުމުން ފައިސާ ވެސް ލިބިފައި ނުވާ ކަމަށް މުއްދަތު މަޖިލީހުގައި އޭނާ ބުނެފައިވެއެވެ.

ޗައިނާ އެމްބަސީގެ ފާރުގައި، "އިންޑިޔާ އައުޓް" ޖަހައި ސްޕްރޭކޮށްފިނަމަ 10،000 ރުފިޔާ ދޭން ހުށަހެޅީ މުހައްމަދު ކިޔާ މީހެއް ކަމަށް ބުނި ނަމަވެސް އެއީ ކޮން މުހައްމަދެއް ކަމެއް އެނގޭ ގޮތެއް ނުވިއެވެ. ޗައިނާ އެމްބަސީ ފާރުގައި ސްޕްރޭ ކުރަން ހުރިއިރު އޭނާ ހުރީ މަސްތުގެ ހާލުގައި ކަމަށްވެސް ކޯޓުގައި އޭނާ ބުންޏެވެ. މި މައްސަލައިގައި މުހައްމަދު އަނިލް ފަސް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބުވަނީ އަމުރުކޮށްފައެވެ.

"އިންޑިއާ އައުޓު" ހަރަކާތް ހިންގަމުން އަނަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްނަގައިގެންނެވެ. އެ ހަރަކާތުގެ ތެރެއިން މީގެ ކުރިން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވާއިރު މުދަލަށް ގެއްލުން ދިނުމުގެ ގިނަ މައްސަލަތަކަށް ވެސް ފެންމަތިވިއެވެ. އަދި ބައެއް މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން ވެސް ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.