މަތީ ސާނަވީ ދަރިވަރުންނަށް ސުކޫލަށް ފޯނު ގެންދެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

މަތީ ސާނަވީ ދަރިވަރުންނަށް ސުކޫލަށް ފޯނު ގެންދެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

Author
އަޒްފާ ރަޝީދު
01 އޭޕްރިލް 2023 04:19
0

ޚާއްސަ ހުއްދައެއްގެ ދަށުން ގްރޭޑް 11 އަދި 12 ގައި ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް ސްކޫލު ގަޑީގައި މޯބައިލް ފޯނު ބޭނުން ކުރެވޭ އިސްލާހެއް ހިމަނައި "ސްކޫލް ދަރިވަރުންގެ އާންމު ގަވާއިދު" ނެރެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ މި ގަވާއިދުގެ ބޭނުމަކީ ދަރިވަރުން އަމަލު ކުރާނެ އެއް މިންގަނޑެއް އޮތުމެވެ. އެ މިނިސްޓްރީން ބުނީ ސްކޫލްތަކުގައި ދަރިވަރުން އުޅޭއިރު ދަރިވަރުން އަމަލުކުރާނެ ގަވާއިދެއް އޮތުމާއި، ސްކޫލުން ބޭރުގައި ދަރިވަރުންގެ އުޅުން ބައްޓަން ކުރާނެ މިންގަނޑުތަކެއް ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި ގަވާއިދު އާންމު ކުރުމާ އެކު އެއަށް އަމަލު ކުރަން މިނިސްޓްރީން ސުކޫލުތަކަށް މިހާރު ވަނީ އަންގައިފައެވެ. ސްކޫލު ދަރިވަރުންގެ އަޚުލާގީ މިންގަނޑު ހުންނަންޖެހޭ ގޮތްތަކާއި، ސްކޫލަށް ހާޒިރުވުމާއި ދަރިވަރުންގެ ޔުނިފޯމް ކޯޑުގައި ހުންނަންޖެހޭ މިންގަނޑު މި ގަވާއިދުގެ ދަށުން ވަނީ ކަނޑައަޅައިފައެވެ.

އަދި، ސްކޫލާއި، ސްކޫލުން ބޭރު ހަރަކާތްތަކުގައި ބައިވެރިވުމުގައި ޢަމަލު ކުރާނެ ގޮތް ވެސް ކަނޑައަޅާފައިވާއިރު ސްކޫލުން ބޭރުގައި ހިނގާ ފިލްމު، ތަމްސީލް، އިޝްތިހާރު ނުވަތަ މީޑިއާގައި ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވެވޭނީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާ އެކު ކަމަށް ބުނެފައިވެއެވެ.

ގަވާއިދުގެ ދަށުން ތައުލީމްގެ ބޭނުމަށް ހިންގޭ ތަމްރީންތައް ފިޔަވައި، 16 އަހަރުން ދަށުގެ ކުދިން އެއްވެސް ވަޒީފާއެއް އަދާކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި، ސްކޫލް ކުދިން ކުރުން މަނާ ކަންކަމުގެ ތެރޭގައި ބެލެނިވެރިއެއްގެ ހުއްދައާއި ނުލާ ރޭގަނޑު 10:00ގެ ފަހުން ސްކޫލް ދަރިވަރުން ބޭރުގައި އުޅުމާއި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ހިމެނެއެވެ. ގަވާއިދާ ޚިލާފުވާ ދަރިވަރުންނާ މެދު "ބިހޭވިއާ މެނޭޖްމަންޓް ޕޮލިސީ" އާ އެއްގޮތަށް އަމަލުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.