ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން މިވަގުތަށް މަޤާމުތަކުން ވަކިވި ނަމަވެސް ވޯޓާ ޖެހޭއިރު އެހުރިހާ ބޭފުޅުންވެސް ތިއްބަވާނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ފަހަތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމުން، އެ ޕާޓީގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަކި ކޮޅެއް ނެންގެވުމުގެ އޮއިވަރާއެކު، ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހުންނެވިކަން ހާމަކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ވައްޑެ ވިދާޅުވީ މިވަގުތު މަޤާމުގެ ދިފާއުގައި މިފަދަ ނިންމުންތަކެއް ނިންމި ނަމަވެސް ވަގުތު ޖެހޭއިރު، މިއެންމެން ތިބޭނީ ޤާސިމްގެ ފަހަތުގައިކަމަށެވެ.
މިހިނދަށް މަޤާމު ދޫކޮށްލައްވަން ބޭނުންނުވާތީ މިގޮތަށް ނިންމެވިޔަސް، ވޯޓާ ޖެހޭއިރު މިހުރިހާ ބޭފުޅުންވެސް ތިއްބަވާނީ ހަމަ ޖޭޕީގެ ލީޑަރު ފަހަތުގައި.
– ވައްޑެ ވިދާޅުވިއެވެ.
ޖޭޕީގެ ސްލޮޓްގައި ސަރުކާރުގައި މައުސޫމާއެކު ތިން ވަޒީރަކު ތިއްބަވައެވެ. އެއީ ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. ގާސިމް އެޅުއްވި ފިޔަވަޅާއެކު، ޖޭޕީގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ވަޒީފާގެ ޔަގީންކަމާ މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި އާއިޝާ އާއި ހުސައިން އަދި ތިއްބެވީ ހިމޭނުންނެވެ.
ޖޭޕީގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ބައެއް އިސްބޭފުޅުންގެ ތެރެއިން މިހާތަނަށް އެ ޕާޓީ ދޫކުރެއްވި ބޭފުޅުންގެ ތެރޭގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ