މިފްކޯއިން "ވިސްލްބްލޯ ހޮޓްލައިން" އާންމުކޮށް ހުޅުވާލައިފިއެވެ.
އާންމުންނާއި މިފްކޯއާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މިފްކޯއިން "ވިސްލްބްލޯ ހޮޓްލައިން" ނިޒާމް ގާއިމުކޮށް މިހިދުމަތްވަނީ އާންމުކޮށް ހުޅުވާލާފައެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި ވިސްލްބްލޯ ނިޒާމަކީ ކުންފުނީގެ މުދަލާއި، ފައިސާ އަދި އެހެނިހެން ވަސީލަތްތައް ބަލަހައްޓާ ބޭނުންކުރުމުގައްޔާއި ކުންފުނީގެ އޮޕަރޭޝަނުގައި ކުންފުންޏަށް ގެއްލުންވާނޭހެން އުސޫލުތަކާއި ޚިލާފަށް އެތެރޭގައި ހިނގާ ކަންކަން ކުންފުނީގެ އިންޓާރނަލް އޮޑިޓާއި ބޯޑަށް އެންގުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށް މަގިފަހިކޮށްދިނުމަށްޓަކައި އުފެއްދިފައިވާ ޚާއްސަ ނިޒާމެއްކަމަށް އެ ކުންފުނިން ބުނެއެވެ.
ވިސްލްބްލޮވަރ ނިޒާމުގެ ތެރެއިން ކުންފުނީގެ މުވައްޒަފުންނާއި އާންމުންނަށްވެސް މައްސަލަ ހުށަހެޅިދާނެކަމަށާއި ވިސްލްބްލޯ ކުރާ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މައްސަލަ ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ޚާއްސަ އިންތިޒާމްތަކެއް ހަމަޖެހިފައިވާނެކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ.
އެގޮތުން އެ ނިޒާމަކީ ކުންފުނީގެ މެނޭޓްމަންޓުގެ ބޭރުން، އިންޓަރނަލް އޮޑިޓް ޑިޕާޓުމަންޓުގެ ދަށުން ކުންފުނީގެ ބޯޑުގެ އޮޑިޓް ކޮމިޓީއަށް ރިޕޯޓުކުރެވޭ ގޮތަށް އެކުލަވާލެވިފައިވާ މިނިވަން ނިޒާމެއްކަމަށާއި އަދި އެކުލަވާލެވިފައިވާ މި ނިޒާމްގެ ދަށުން މައްސަލައެއް ރިޕޯޓް ކުރާފަރާތުގެ ވަނަވަރު ނޭނގޭގޮތަށް ނުވަތަ "އެނޮނިމަސް" ކޮށް ވެސް ރިޕޯޓު ކުރެވޭނެ ގޮތް ވަނީ ހަމަ ޖައްސާފައިކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ކޮމެންޓު ފޮނުވާ