ރާއްޖޭގެ ބާޒާރުގައި ކާށީގެ އަގު އުފުލުމާއި އެކު އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން އެސްޓީއޯ ގެންނަން ނިންމި ކާށީގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފިކަމަށް އެކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ކާށި ޝިޕްމަންޓް ލިބުނީ އިއްޔެ ހަވީރު ކަމަށާއި ކާށިތަކުގެ ކޮލިޓީ ބެލުމަށް ފަހު، ވަރަށް އަވަހަށް ވިއްކަން ފަށާނެ ކަމަށް ބުނެފައިވެއެވެ. އެކަމަކު ކާށި ވިއްކަން ފަށާނެ ސީދާ ދުވަހެއް އަދި ވިއްކާނެ އަގެއް އެސްޓީއޯ އިން އަދި ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު ބާޒާރުގައި މިހާރު ކާށި ލިބެން ހުރި އަގުތަކަށް ވުރެ ހެޔޮކޮށް، ކާށި ވިއްކާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ރޯދައިގެ ކުރިން ބާޒާރުގައި ކާށި ވިއްކަމުން އައިސްފައިވަނީ 5 ރުފިޔާއާއި 10 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ނަމަވެސް މިދުވަސްވަރު ލިބެން ހުރި ކާށީގެ އަގު މިހާރު 30 ރުފިޔާ އިން މައްޗަށް ވަނީ އަރައިފައެވެ.
ކާށީގެ އަގު ކޮންޓްރޯލްކޮށް ހެޔޮ އަގެއްގައި ކާށި ވިއްކުމަށް އެސްޓީއޯ އިން ކާށީ އެތެރެކުރަން ނިންމުމުން ބައެއް ފަރާތަކުން އެސްޓީއޯއަށް ފާޑު ކިޔާފައިވެ އެވެ.
އެސްޓީއޯ އިން ކާށި އެތެރެކުރަން ނިންމިކަން ހާމަކުރައްާފައިވަނީ މިދިޔަ އާދީއްތަ ދުވަހު މަގާމުން ވަކިކުރި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. އަމްރު ވަނީ މިކަމާއި ގުޅިގެން ޓްވީޓްކުރައްވާފައެވެ.