ދެ ކޮމަންޑޫ ގުޅާލާ ބްރިޖުގެ ފައުންޑޭޝަން އެޅުމަށް ތައްޔާރުވެއްޖެ

ދެ ކޮމަންޑޫ ގުޅާލާ ބްރިޖުގެ ފައުންޑޭޝަން އެޅުމަށް ތައްޔާރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2023 06:05
0

ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން އަދި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ ޖިއޯ ޓެކްނިކަލް ސާވޭ ނިންމައި ބްރިޖުގެ ފައުންޑޭޝަން އަޅަން ތައްޔާރުވާން ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ށ.ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން މަސައްކަތަށް ބޭނުންވާ ޖިއޯޓެކްނިކަލް ސަރވޭ ވަނީ މިހާރު ނިމިފައި ވާކަމަށެވެ. ސަރވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖްގެ ފައުންޑޭޝަން އެޅުމަށް މިހާރު ދަނީ ތައްޔާރުވަމުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކޮމަންޑޫގެ ބިމުގެ މައްސަލަ ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ނިންމެވީ، ކޮމަންޑޫއާއި އެއް ފަޅެއްގައި އޮތް މަތިކޮމަންޑޫ ހިއްކާ، ދެ ރަށް ބްރިޖަކުން ގުޅާލުމަށެވެ. މި ޕްރޮޖެކްޓްގައި ކޮމަންޑޫގައި ކުރިން ހިއްކާފަ އޮތް ސަރަޙައްދުގެ ރިވެޓްމަންޓް އާކުރުންވެސް ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުން ހިމެނޭއެެވެ. އަދި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނެއެެވެ.

މިއީ 249.90 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.