ވެހިކަލް އެތެރެކުރާ އަދަދު ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނެތް!

ވެހިކަލް އެތެރެކުރާ އަދަދު ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނެތް!

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2023 04:53
0

މާލެ އެތެރެކުރާ ވެހިކަލްތަކުގެ އަދަދު ކޮންޓްރޯލްކުރުމަށް އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ގަރާޖު ސިޓީގެ މައްސަލައިގައި ސުވާލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ ބޭފުޅުން މިއަދުވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އެކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްދަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވީ، ގަރާޖާ ގުޅޭ އެއްވެސް ކަމެއް މިހާރު ޓްރާންސްޕޯޓު މިނިސްޓްރީން ނުކުރާ ކަމަށެވެ. އެމަސައްކަތްތައް 2021ވަނަ އަހަރުގެ ތެރޭގައިވަނީ މާލޭ ސިތީ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.

މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، އެގޮތަށް އެކަން އޮތް ނަމަވެސް، ގަރާޖު ސިޓީގެ މައްސަލައިގައި އަދިވެސް އެމިނިސްޓްރީއަށް އިނގިލިދިއްކޮށް ވާހަކަތައް ދެކެވޭ ކަަށެވެ. މިފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައިވެސް އެމައްސަލައިގައި ބައެއް އިއްޒަތްތެރި މެމްބަރުން ޓްރާންސްޕޯޓް މިނިސްޓްރީއަށް އަމާޒުކޮށް ވާހަކަދައްކަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މާލެ އާއި ހުޅުމާލޭގައި ރަޖިސްޓަރީ ކުރާ އުޅަނދުތަކަށް، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ އުޅަނދު ބާއްވާނެ ގަރާޖު ޗެކްކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ކުރާ އެއްބަސްވުމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ކަންކަން މިހާރު ބަލަހައްޓަނީ މާލޭ ސިޓީ ކައުންސިލުންނެވެ.

އެކަށީގެން ނުވާ މިންވަރަށް މާލޭގައި ވެހިކަލްތައް ގިނަވުން ކޮންޓްރޯލް ކުރެވޭނީ އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ބަދަލުތަކެއް ގެނެސްގެން. އިމްޕޯޓު އެކްސްޕޯޓު ގާނޫނުގަ މަނައެއް ނުއެއް ކުރޭ ކޮންމެ މީހަކުވެސް ވެހިކަލެއް ގެންނަންވީމަ ހަމަ އެތެރެކުރަންވީ ވެހިކަލެއް. އޭގައި މަނާކުރާ އެއްވެސް ކަމެއް ނެތް. އެހެންވީމަ އަޅުގަނޑުވެސް އަދި އިއްޒަތްތެރި މެންބަރުވެސް ނުވަތަ އެހެން ބޭފުޅަކު ވެސް ހަމަ 10 ވެހިކަލް، 20 ވެހިކަލް އިތުރުކުރަންވީ.

– ނަހުލާ ވިދާޅުވިއެވެ.

ގަރާޖު އަގުބޮޑުކޮށް ވިއްކުންފަދަ މައްސަލަތައް ފެންމަތިވާތީ، އެކަން ހައްލުކުރުމަށް ގަރާޖު ބޭނުން ނުވާނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކެބިނެޓަށް ޕޭޕަރެއް ހުށަހަޅާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، އެޕޭޕަރުގައި އެއް އަހަރު ދުވަހުގެ ތެރޭގައި މާލޭ ސަރަހައްދަށް އެތެރެކުރެވޭ ވެހިކަލްގެ ކޯޓާ ކަނޑައެޅުމުގެ އިތުރުން ގަރާޖު ސިޓީ ނައްތާލުމާއި ގުޅޭ ކަންކަންވެސް ހިމަނާފައިވާ ކަމަށެވެ.

ނަމަވެސް، އެކަންކުރުމުގެ ގާނޫނީ ހައިސިއްޔަތެއް އޮތީ މާލޭ ސިޓީ ކައުންސިލްގައި ކަމަށްވާތީ ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށާއި ހިތާމައަކީ އެސިޓީއަށް އަދިވެސް ޖަވާބުދެއްވާފައި ނުވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިސަރުކާރު ވެރިކަމާއި ހަވަލުވިތާ މަދު ދުވަސްތަކެއްގެ ތެރޭގައި މިނިސްޓްރީން ވެހިކަލް ކޮންޓްރޯ ކުރުމާއި ބެހޭ ޚާއްސަ ކަރުދާހެއް ތައްޔާރުކޮށް ހުށަހަޅާފައިވާނެކަމަށް މިނިސްޓަރ ނަހުލާ މީގެ ކުރިން ރައްޔިތުންގެ މަޖިލީގުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައިވެސް ވިދާޅުވިއެވެ.

އެގޮތުން، ވަކި އަހަރުތަކެއް ވެފައިވާ އުޅަދުތަކާއި، ވެހިކަލްގެ ހާލަތަށް ބަލައި ނުދުއްވޭ ވަރުގެ އުޅަދުތަކުގެ ހުއްދަ ބާތިލްކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށްވެސް އޭރު ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.