ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ކުރި އިއުލާންގެ ސުންގަޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ވަނަވަރު އާންމުކޮށްފައެވެ.
އެގޮތުން އެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ތިން ފިރިހެން ބޭފުޅުންނާއި އެއް އަންހެން ބޭފުޅެކެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން:
1. މަރްޔަމް ވަޙީދު / ބެލޫން, ސ.ފޭދޫ
2. މުޙައްމަދު ޝަނީޒް / ހަނދުވަރީނާޒް, ގދ.ގައްދޫ
3. ޢަލީ އަޙްމަދު / ބިއްދޮށުގެ, ފ.ނިލަންދޫ
4. މުޙައްމަދު މިންހާޖް / ހިރިލަންދޫގެ, ސ.ފޭދޫ
ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރައަށް -/36،000 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި -/15000 ރުފިޔާ އާއި -/3300 ރުފިޔާ އާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝްއަރެންސާއި ފޯން އެލަވަންސް ވެސް ލިބޭނެއެވެ.
އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާސިލުކޮށްފައިވުމާއި އެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނެއެވެ.