އެސްޓީއޯގެ އެމްޑީއަކަށް ސައީދު ހަމަޖައްސަން ޕީސީބީއަށް

އެސްޓީއޯގެ އެމްޑީއަކަށް ސައީދު ހަމަޖައްސަން ޕީސީބީއަށް

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ރައީސް އޮފީހުގެ ކުރީގެ ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ހަމަޖައްސަން ޕީސީބީއަށް ސަރުކާރުން ފޮނުވައިފިއެވެ.

އެނގިފައިވާ ގޮތުގައި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ސައީދު އައްޔަންކުރުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ޕީސީބީން އަންނަނީ ފުރިހަމަކުރަމުންނެވެ. އެކަމަކު ޕީސީބީން މިކަން ކަށަވަރެއް ނުކޮށްދެއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސައީދު އައްޔަންކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން އަމްރު މިދިޔަ އާދިއްތަ ދުވަހު މަގާމުން ވަކިކުރުމަށްފަހުއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސައީދު ވަނީ ކެބިނެޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައެވެ. އެ މަގާމުން 2011 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ނަޝީދު ވަނީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުން ސައީދުއާ ހަވާލުކޮށްފައެވެ.

ސައީދަކީ ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އަދި އޭރު ވެރިކަން ކުރި އެމްޑީޕީގެ އިސް ސަފުގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

އަމްރު މަގާމުން ވަކިކުރީ، ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަމަކު އޭނާ ވަކިކުރިއިރު، ސަރުކާރުގެ ސިޔާސަތުތަކާ ފުށުއަރާ ގޮތަށް އަމަލުކުރައްވަމުން ގެންދަވާ މައްސަލަ އޮތީ ބޮޑުވެފައެވެ.

ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް މަގާމުގައި ހުންނަވައިގެން ސަރުކާރާ ދެކޮޅަށް ނުކުންނަވައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރުމުގެ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަޝްވަރާތަކުގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *