ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ޚިޔާނާތުގައި މައްސަލައާއި، ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ، ދަޢުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި ޢަމުރު ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ބަލައި ގަނެ ޝަރީއަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ.
ހައިކޯޓުގެ އޮފިޝަލަކު ވިދާޅުވީ ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ބަލައި ނުގަތް މައްސަލަ ހައިކޯޓުން ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:15 އަށެވެ. އަދި އާރަށުގެ މައްސަލައިގައި ދައުލަތައް ފައިސާ ދައްކަން ނެރުނު އަމުރުގެ މައްސަލަ ތާވަލް ކޮށްފައި ވަނީ ބުދަ ދުވަހު ހެނދުނު 10:15 އަށެވެ.
ނަމަވެސް މިހާރު އެމަނިކުފާނު ހުކުމް ތަންފީޒު ކުރަމުންދާ އަރަށު މައްސަލައިގެ އިސްތިއުނާފު އަދި ރަޖިސްޓްރީ ކޮށްފައި ނުވާކަމަށެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ އުފުލީ މިދިޔަ އަހަރު އެވެ. އެމައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުގެންގޮސް ގިނަ ދުވަސްތަކަކު ބޭއްވުމަށްފަހު އަލުން ޝަރީއަތް ހިންގަން ފެށީ ޔާމީންގެ މައްޗަށް ވ.އާރަށް މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ފަހުއެވެ. ފުއްގިރި ކުއްޔަށް ދިން މައްސަލަ އާއި ގުޅިގެން ޔާމީނާއި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެއެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ވެސް ކުރެއެވެ.
ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމް ކޮށްފައިވަނީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން ކުރި ޢަމުރުގައިވާގޮތުން ވ.އާރަށް ކުއްޔަށް ދިނުމުގެ ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަންގަވައި، އެ ފައިސާ އެޗްއެސްބީސީއަށް ޖަމާކޮށް، އަދި އިތުރު ފައިސާއާއެކު ބީއެމްއެލަށް ޖަމާކޮށް، އަނެއްކާވެސް އިތުރު ފައިސާއާއެކު އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އެކައުންޓަށް ޖުމްލަ 1،295،000 ޑޮލަރު 2017 ފެބުރުއަރީ 21ގައި ޖަމާކޮށްފައިވާކަމަށެވެ. އޭގެ ފަހުން އިސްލާމިކް ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަށް 2021 މާޗް 14ގައި އިތުރު ފައިސާއާއކު ޖުމްލަ 3،413،230 ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައިވާކަމަށެވެ.