މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފިއެވެ.
ޖޫރިމަނާގެ ފައިސާ ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމާއެކު ވެސް ޔާމީންގެ ވަކީލުން އެ ކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ވަކީލުންގެ ނުކުތާއަކީ، މައްސަލައެއްގައި ހުކުމެއް އިއްވުމަށް ފަހު އޭގެ ފަހުން އެއާ ގުޅުވައިގެން އެކި އަމުރު ނުނެރެވޭނެ ކަމަށެވެ.
ހައިކޯޓުގެ ތަރުޖަމާނު ވިދާޅުވީ ޔާމީން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މިހާރު ހައިކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމް ކޮށްފައިވަނީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.
އާރަށު މައްސަލައިގައި ދައުލަތުން އެ މަނިކުފާނުގެ މައްޗަށް އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ ޔާމިނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. އެހެންވެ، އެ މަނިކުފާނުގެ ފަރާތުން ވަނީ ޖޫރިމަނާގެ މައްސަލަ، މި މަހުގެ 13ވަަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ އެޗްއެސްބީސީއަށް ޖަމާކޮށް އިތުރު ފައިސާއާ އެކު ޔާމީންގެ ބީއެމްއެލް އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އިތުރު ފައިސާއާ އެކު އިސްލާމިކް ބޭންކުގައި އޮތް އެ މަނިކުފާނުގެ އެކައުންޓަކަށް 2017ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހު ޖުމްލަ ޖުމްލަ 1.29 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އެއަށް ފަހު ހަމަ އެ ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް 2021ވަނަ އަހަރުގެ މާޗް މަހުގެ 14ވަނަ ދުވަހު އިތުރު ފައިސާއާ އެކު ޖުމްލަ 3.4 މިލިއަން ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައިވާ ކަމަށް އެ އަމުރުގައިވެއެވެ. ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ވެސް އެ މަނިކުފާނުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.