ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ބްރެޒިލް ބަލިކޮށް, ޤަތަރު ވަރލްޑްކަޕްގެ ނަތީޖާތަކަކަކީ ޖާދުލެއް ނޫންކަން މޮރޮކޯއިން ސާބިތުކޮށްދީފިއެވެ.
މިއީ ބައިނަލްއަގުވާމީ މެޗެއްގަައި މޮރޮކޯ އިން ބްރެޒިލްގެ މައްޗަށް ކާމިޔާބު ހޯދި ފުރަތަމަ ފަހަރެެވެ. މި މެޗުގެ ކުރިން މި ދެ ޓީމު ބައްދަލުކުރި ދެ ފަހަރު ވެސް ބްރެޒިލް ވަނީ މޮޅުވެފައެވެ. އެއީ 1997 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 2-0 އިންނާއި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި 3-0 އިންނެވެ.
މޮރޮކޯގެ ޓެންޖިއާސްގައި ރޭ ކުޅުނު މެޗުގެ 29 ވަނަ މިނިޓްގައި މޮރޮކޯ އިން ލީޑުނެގިއެވެ. ރަނގަޅަށް ކުޅެމުން އައި މޮރޮކޯ އިން މި މެޗުގައި ލީޑުނެގީ ބްރެޒިލް .މެދުތެރެއިން ގެއްލުނު ބޯޅައެއްގައި ކުރި އެޓޭކަކުން އޭރިއާތެރެއިން ސޯފިއަން ބޫފާލް ޖެހި ގޯލުންނެވެ. ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ބޫފާލް ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފައެވެ.
ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި ބްރެޒިލުން ކާމިޔާބު ހޯދީ 67 ވަނަ މިނިޓްގައެވެ. އޭރިއާބޭރުން ބްރެޒިލްގެ ކަސެމީރޯ ޖެހި ބޯޅަ ގޯލަށް ވަނީ މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ އަތްދަށުން ކަހަލަ ގޮތަކަށް ގޮހެވެ. މޮރޮކޯ މި މެޗުން މޮޅުވި ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި އަބްދެލް ހަމީދް ސަބީރީ އެވެ. އޭރިއާތެރެއިން ބްރެޒިލް ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވިދިޔަ ބޯޅަ ސަބީރީ ވަނީ ގޯލަށް ފޮނުވާލައިފައެވެ.
ބްރެޒިލަށް މި މެޗުގައި ކޯޗުކޮށްދިނީ ވަގުތީ ކޯޗު ރަމޯން މެނޭޒޭސްއެވެ. ވޯލްޑް ކަޕަށް ފަހު ބްރެޒިލްގެ ކޯޗުކަމުން ޓީޓޭ ވަކިވުމުން ބްރެޒިލުން އަދި ދާއިމީ ކޯޗެއް ހަމަޖައްސާފައެއް ނުވެއެވެ. ބްރެޒިލުން އާ ކޯޗަކަށް ބަލަމުން އަންނަނީ ރެއާލް މެޑްރިޑްގައި ހުރި އިޓަލީގެ ކޯޗު ކާލޯ އަންޗެލޮޓީއެވެ.